މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމްގައި އިއްޔެގެ ނިޔަލަށް 179 ޓޫރިސްޓުން ރަޖިސްޓްރީކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ރަސްމީކޮށް ލޯންޗްކުރީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

"އެ މީހަކު އަމިއްލައަށް ބައިވެރިވާން ޖެހޭނީ. މި ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނީ ބޯޑާމައިލްގެ ވެބްސައިޓް މެދުވެރިކޮށް،" އެތަނުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިމިގްރޭޝަނުން މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ބަހާލާފައިވަނީ ތިން ކެޓަގަރީ އަކަށެވެ. އެގޮތުން ބްރޮންޒް ނުވަތަ "އައިދަ" އެވެ. ސިލްވާ ނުވަތަ "އަންތަރަ" އަދި ގޯލްޑް ނުވަތަ "އަބާރަނަ" އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އައިދައަށް ދެވޭނީ 500 ޕޮއިންޓް ހޯދައިގެން ކަމަށެވެ. އަންތަރާ އަށް ދިއުމަށް 2،000 ޕޮއިންޓް ހޯދަންޖެހޭއިރު، އަބާރަނައަށް ދިއުމަށް ހޯދަން ޖެހޭނީ 4،000 ޕޮއިންޓެވެ. އަނަންތަރަ އަދި އަބާރަނައަށް އާދެވުމުން ޓޫރިސްޓުންނަށް އިމިގްރޭޝަންގެ ކައުންޓަރުތަކުގައި މަޑުކުރަންނުޖެހި ފަސޭހަކަމާއިއެކު އިމިޤްރޭޝަން ކްލިއަރެންސް ހެދޭނެ އެވެ.

މި ޕްރޮގުރާމްގައި ބައިވެރިވާން ޓޫރިސްޓުން ރާއްޖޭގައި މަދުވެގެން ތިން ދުވަސް މަޑުކުރަންޖެހެ އެވެ. އަދި މަޑުކުރަން ޖެހޭނީ ޓޫރިސްޓް ފެސިލިޓީއެއްގަ އެވެ.

އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ހުރިހާ ފެސިލިޓީތަކަކަށް މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި މިހާރު ބައެއް ފެސިލިޓީތަކުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމަކީ ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން، ޓޫރިސްޓުން ރާއްޖެއައުން ހުއްޓި، ގައުމުގެ އިގްތިސާދަށް އައި ހީނަރުކަމުން އަރައިގަނެ، ޓޫރިޒަމް އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށް މޯލްޑިވްސް އިމިގްރޭޝަންގެ އިސްނަގައިގެން ތައާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. މިއީ ދުނިޔޭގައި ވެސް ފެށި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.