ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކަން މިއަދު ފަށައިފި އެވެ.

ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުން އަންނަ އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ދަށުން އެތަނަށް 63 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހުޅުމާލެ އިން އިތުރަށް ހިއްކަނީ ހުޅުމާލޭގެ ދެ ފޭސް ގުޅުވާލާ ބްރިޖުތައް ހުންނަ ޓަނަލުގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން ފެށިގެން އުތުރަށް އޮތް މުޅި ފަޅެވެ. އޭރުން މުޅި ފަރުކޮޅުފުށި ވެސް ދާނީ ހިއްކާ ހިސާބުގެ ތެރެއަށެވެ.

މި މަޝްރޫއާ އެކީގައި މާލޭގެ ގިނަ ރައްޔިތުންނަށް އެތައް އަހަރެއް ވަންދެން ތަހަންމަލް ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަ ބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވާނެ ކަމަށް އާބަންކޯ އިން ބުނެފައިވެ އެވެ.

އާބަންކޯ އިން ބުނީ ހުޅުމާލޭގައި މިހާރު ތަރައްގީ ކުރަމުންދާ އެހެނިހެން ފިޔަވަހިތަކެކޭ އެއްފަދަ އިން ތިން ވަނަ ފިޔަވަހީގައި ވެސް ރައްޔިތުންނަށް ލުއި ފަސޭހަވާނެ ހެން ގިނަ ހިދުމަތްތަކާއި އެންމެ ފަހުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އާބަންކޯ އިން ބުނި ގޮތުގައި އަލަށް އިތުރު ކުރެވޭ ބިމާއެކީގައި މަގުތަކާއި ބްރިޖުގެ އިތުރުން ހިތްގައިމު ޕާކްތައް ހަދައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ އެވެ. މިއީ ދިރިއުޅުމުގެ ވައްޓަފާޅި ބިނާ ކުރުމަށް ކުރިއަށް އެޅޭ ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލެ އަށް އިތުރުކުރާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ކުރަނީ. މާލޭ މީހުންނަށް ގޯތި ދޭން ހުޅުމާލެ ފަޅުން އިތުރަށް ހިއްކަނީ 63 ހެކްޓަރުގެ ބިން. ފޮޓޯ: އާބަންކޯ

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ އިތުރުން ކ. ކުޑަގިރި، ކ. ތިލަފުށި، ކ. ގުޅިފަޅު އަދި ކ.ދިޔަނެރު ފަޅުގެ ތަފާތު މަޝްރޫއުތަކެއް މިހާރު ވެސް ކުރިއަށް އެބަދެ އެވެ. އާބަންކޯ އިން ބުނީ މި މަޝްރޫއުތަކަކީ ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން މި ސަރަހައްދުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ދިމާވާ ދަތިތަކަށް ވެސް އެތައް ހައްލެއް ލިބޭނެ މަޝްރޫއެއް ކަމަށެވެ.

ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތްތައް އާބަންކޯ އިން ހަވާލު ކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގުޅިފަޅު ތަރައްގީކުރަން ހަވާލުވި ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓަޑް (ސީއެމްސީ) ކުންފުންޏާ އެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިންނެވެ.

ހުޅުމާލެ އަށް އިތުރުކުރާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ކުރަނީ. މާލޭ މީހުންނަށް ގޯތި ދޭން ހުޅުމާލެ ފަޅުން އިތުރަށް ހިއްކަނީ 63 ހެކްޓަރުގެ ބިން. ފޮޓޯ: އާބަންކޯ

ހުޅުމާލެ ހިއްކަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ 1997 ގަ އެވެ. އޭރު ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، ދެވަނަ ފިޔަވަހި ހިއްކީ އެމަނިކުފާނުގެ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ގަ އެވެ.