ހުޅުމާލެގައި "އާބަން ގްލައިޑް" ގެ ނަމުގައި އީސްކޫޓާ ތައާރަފްކޮށްފި އެވެ.

އާބަންކޯއިން ބުނީ އީސްކޫޓާ ނުވަތަ ކޮޅަށް ހުރެގެން ދުއްވާ ބެޓެރި ސައިކަލު ދުއްވޭނެ އިންތިޒާމުތައް ހަމަޖައްސައި އަންނަ އާދިއްތަ ދުވަހުންފެށިގެން އާންމުނަށް ހުޅުވާލާނެކަމަށެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަތަރު އީ ސްކޫޓާ ވަނީ ބަހައްޓާފަ އެވެ. އެ ސްކޫޓަރުތައް ދުއްވަން ބޭނުން ނަމަ "އާބަން ގްލައިޑް" އެޕްލިކޭޝަން އަޅައި ރަޖިސްޓްރީވާން ޖެހޭނެ އެވެ.

އާބަންސްމާޓްކޮމްގެ މެނޭޖާ ސްމާޓް ސޮލިއުޝަން އަހުމަދު ނައުފަލް އަބްދުލް ހާދީ ވިދާޅުވީ، އެކަމަށް ތަރުހީބު ލިބޭވަރަކުން އިތުރު ޑޮކިންއެއް ބަހައްޓާ ސްކޫޓަރު އިތުރު ކުރާނެކަމަށެވެ.

"މިފަދަ ސްކޫޓަރުތަކެއް ތައާރަފް ކުރީ ތިމާވެއްޓާ ރައްޓެހި އަދި މީހުން ޝައުގުވެރި ކުރުވަނިބި ކަމެއް ކުރުމުގެ ބޭނުމުގައި. މިވަގުތު ދެ ޑޮކް ބަހައްޓަން ވަނީ ނިންމާފައި. ކޮންމެ ޑޮކެއްގައި 4 އީ ސްކޫޓަރު ހުންނާނެ. ރަޖިސްޓްރީވެފައި ދުއްވާލަންވީ. ވަރަށް ފަސޭހަ އަދި އާންމުންގެ ތަރުޙީބު ލިބޭވަރަކުން އިތުރު ކުރާނަން." ނައުފަލް ވިދާޅުވި އެވެ.

އީ-ސްކޫޓަތައް ގާއިމްކޮށްފައިވަނީ އެކަމަށް ޚާއްސަކޮށްހަދާފައިވާ ޑޮކިން ސްޓޭޝަންތަކެއްގަ އެވެ. ބެޓެރިން ދުއްވާ މި އީ ސްކޫޓަރުތައް ޗާޖުކުރާނީވެސް މި ޑޮކިން ސްޓޭޝަންތަކުންނެވެ. އެ ސްކޫޓަރުތައް ދުއްވުމަށް ވަކި ސަރަހައްދުތަކެއް މަގުތަކުގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އީ ސްކޫޓަރު ދުއްވާނެ ސަރަހައްދު އެނގޭނެހެން މަގުތަކުގައި ނޫކުލައިގެ ރޮގަކުން ފާހަގަކޮށްފައިވެ އެވެ. އަދި އެ ސަރަހައްދުން ބޭރަށް ނިކުމެއްޖެނަމަ އެލާމް އަޅައި، ހުއްޓޭނެ އެވެ. މި ސްކޫޓަރު ދުއްވަމުންދާއިރު އާބަންކޯއިން އެކަމަށް ހާއްސަ ސެންޓަރަށް އެ ސްކޫޓަރުތަކުގެ މޫވްމެންޓް ފެންނާނެ އެވެ.