ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާ ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކުރަން އިކޮނޮމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، މިއަދުން ފެށިގެން، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ފަތިހު 4:30 އިން މެންދަމު 1:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

"ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން ވާނެ،" އެ އިއުލާނުގައި ބުނެފައިވެ އެވެ.

ކޮވިޑާ ގުޅިގެން އެޗްޕީއޭއިން އެންމެ ފުރަތަމަ ނިންމީ ރެސްޓޯރަންޓުތައް އެއްގޮތަކަށް ވެސް ނުހުޅުވުމަށެވެ. ނަމަވެސް ފަހުން ރޭގަނޑު 9:30 ވަންދެން ހިދުމަތް ދެވޭ ގޮތް ހެދުމަށްފަހު، ވިޔަފާރި ދަށްވެ، ގިނަ ބަޔަކު ޝަކުވާކުރަން ފެށުމުން ރޭގަނޑު 11:30 އަށް ވަނީ ވަގުތު އިތުރުކޮށްފަ އެވެ.