ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2023ގެ އޮފިޝަލް ކޯޗިން އަދި ވެލްނެސް ޕާޓްނަރުން ދިރާގުން އިއުލާންކޮށްފި އެވެ.

ދިރާގުން ބުނިގޮތުގައި ޑީއެމްއާރްއާރްގެ އޮފިޝަލް ކޯޗިން އަދި ވެލްނެސް ޕާޓްނަރުންނާއެކު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަހަރީ ދުވުމަށް ތައްޔާރުވުމަށް ބައިވެރިންނަށް ޚާއްސަ ކޯޗިން ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. މިއީ ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން ފަސޭހަކުރުމަށްޓަކައި 2018 ވަނަ އަހަރުން ފެށިގެން ދިރާގުން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން:

މި އަހަރުގެ ކޯޗިން އަދި ވެލްނެސް ޕާޓްނަރުންނަކީ:

  • ސާއިދު ސްޕޯޓްސް (ކޯޗިން ޕާޓްނަރު): ފުރަތަމަ ފަހަރަށް ޑީ.އެމް.އާރް.އާރްގައި ބައިވެރިވާ ފަރާތްތަކަށް ދިރާގު ބްރޭންޑް އެމްބެސެޑަރު އަދި ރާއްޖޭގައި ހުރި އެންމެ ހަލުވި ދުވުންތެރިޔާކަމަށްވާ ހަސަން ސާއިދުގެ ފަރާތުން ހިލޭ ތަމްރީނު ލިބޭނެ.
  • އެލީޓް ރަނާސް (ކޯޗިން ޕާޓްނަރު): ޑީއެމްއާރްއާރްގެ ބައިވެރިންނަށް މި ކްލަބް މެދުވެރިކޮށް ޕާސަނަލައިޒްޑް ޓްރެއިނިން ޕްރޮގްރާމަކާއެކު ތަމްރީންވެވޭނެ.
  • ކްލަބް ކޭވައި ސްޕޯޓްސް (ކޯޗިން ޕާޓްނަރު): ކޯޗުން ޔަޒޫ އާއި ކްސާބާއާއެކު ޑީ.އެމް.އާރް.އާރްގެ ޒުވާން ދުވުންތެރިންނަށް ތަމްރީންވެވޭނެ.
  • ދަ ވެލްނެސް ކްލަބް (ވެލްނެސް ޕާޓްނަރު): މަޝްހޫރު ރަނިންގ ކޯޗު މަރިޔަމް އަބްދުލް ކަރީމްގެ ފަރާތުން ފިޒިކަލް ފިޓްނަސް އަދި ވެލްނެސްއާ ގުޅޭ ގައިޑެޑް ސެޝަންތަށް ބައިވެރިންނަށް ލިބޭނެ.

އަންނަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު 4،000 ދުވުންތެރިންނާއެކު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ކުރިއަށްދާނެ އެވެ. މި ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމަޢުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.