ދިވެހި ރުފިޔާއަށް ބޭނުންކުރާނެ ނިޝާނެއް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

މަރުކަޒީ ބޭންކުން ނެރުނު އިއުލާނުގައިވާ ގޮތުން ރުފިޔާގެ ނިޝާން ކުރަހަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 21 ވަނަ ދުވަހުގެ ކުރިން އެ އޮތޯރިޓީއަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި އެ ގައުމެއްގެ ފައިސާގެ ނިޝާނެއް ގެންގުޅެ އެވެ.

އެމްއެމްއޭ އިން ވަނީ ރުފިޔާ ނިޝާނަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ހުށަހެޅުމަކަށް 20،000 ރުފިޔާގެ އިނާމެއް ދިނުމަށް ނިންމައިފަ އެވެ.

އެ އޮތޯރިޓީން ބުނީ ނިޝާންގެ ގޮތުގައި ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލް ކަމަށެވެ. އަދި ޑިޒައިންކުރާ ނިޝާނަކީ ކަނާތުން ވައަތަށް އަދި ވައަތުން ކަނާތަށް ލިޔާ ބަސްތަކުގައި ވެސް ބޭނުންކުރެވޭ ފަދަ ނިޝާނަކަށް ވާންވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ފަނޑިޔާރުން ޕްރޮޕޯސަލްތައް އިންސާފުކުރުމުގައި ބަލާނެ ބައެއް ކަންތައްތަކުގެތެރޭގައި ފަރުމާކޮށްފައިވާ ޑިޒައިނުން ދިވެހިރާއްޖެ ނުވަތަ ދިވެހި ރުފިޔާ ރަމްޒުކޮށްދޭ މިންވަރާއި، ތަފާތު ފޮންޓްތަކާއި ފޮންޓް ސްޓައިލްތަކާއެކު ނިޝާން ބޭނުންކުރުމަށް އެކަށީގެންވާ މިންވަރު ނަންބަރުތަކާއި ލިޔުމުގައި ބޭނުންކުރާ އެހެނިހެން ކެރެކްޓާތަކާއެކު ބޭނުންކުރުމަށް އެކަށީގެންވާ މިންވަރުގެ އިތުރުން އެހެން ގައުމުތަކުގެ ފައިސާގެ ނިޝާންތަކުގައި ބޭނުންކޮށްފައިވާ ހަމަތަކަށް ފެތޭ މިންވަރަށް ބެލުން ހިމެނެ އެވެ.