މިދިޔަ މަހު ވެސް ރާއްޖެއަށް އިމްޕޯޓްކުރި މުދާ 40 ޕަސެންޓް މަދުވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ޑިސެމްބަރު މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިދިޔަ ޑިސެމްބަރުމަހު އެ އަދަދު ވަނީ 2.6 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. އެއާއެކު އާމްދަނީ ވެސް ވަނީ 30 ޕަސެންޓް ދަށްވެފަ އެވެ.

އެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖެއިން 425 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރިއިރު، މިދިޔަ ޑިސެމްބަރު މަހު އެ އަދަދު ވަނީ 459 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 8 ޕަސެންޓްގެ ކުރިއެރުމެކެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓުކުރަނީ މަހުގެ ބާވަތްތަކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކުރީ ތައިލެންޑަށެވެ. ދެވަނައަށް އެންމެ ގިނަ މުދާ އެކްސްޕޯޓުކުރީ ޖަރުމަނަށެވެ. ތިންވަނައަށް އެންމެ ގިނަ މުދާ އެކްސްޕޯޓުކުރީ އިންޑިއާއަށެވެ.

ރާއްޖެއިން މުދާ އެކްސްޕޯޓު ކުރި މިންވަރު އިތުރުވި ނަމަވެސް ރާއްޖެއަށް މި މުއްދަތުގައި މުދާ އެތެރެކޮށްފައިވާ މިންވަރުވަނީ ދަށްވެފަ އެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޑިސެމްބަރުމަހު މި ޢަދަދުވަނީ 2.6 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

އެއާއެކު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި ޑިސެމްބަރުމަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހާ އަޅާބަލާއިރު 30 ޕަސެންޓް ވަނީ ދަށްވެފަ އެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު 359 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ ޑިސެމްބަރު މަހު އެ އަދަދު ވަނީ 252 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، ޔޫއޭއީ އަދި އިންޑިއާ އަށެވެ.