ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް 3.1 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވިއްކާފައިވަނީ 28 ދުވަހުން އަނބުރާ ދެއްކުމަށް 1.7 ބިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް 230 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މީގެ އިތުރުން 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް 200 މިލިއަން ރުފިޔާގެ ޓީބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް 980 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކަންވެސް ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.

ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފިނޭންސް މިނިސްޓްރީން ވަނީ 2.6 ބިލިއަން ރުފިޔާގެ ޓީވިލު ވިއްކާފަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.