ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށާއި، އެ ފަރާތްތަކުގެ އާއިލާތަކަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް، ރާއްޖެއަށް ދެމުންގެންދާ އެހީ ފުޅާކުރުމަށް އިތުރު 21.6 މިލިއަން ޑޮލަރު ދިނުމަށް ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ފާސްކޮށްފި އެވެ.

ވޯލްޑް ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ އެ ބޭންކުން އިތުރަށް ހަމަޖެއްސި އެ ފައިސާ ހަރަދުކުރާނީ، 12.8 މިލިއަން ޑޮލަރުގެ ފައިސާއާއެކު މިދިޔަ އަހަރުގެ ޖޫން މަހު ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރި "ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ފުޅާކުރުމަށެވެ. އެގޮތުން، ސަރުކާރުން ތަޢާރަފްކޮށްފައިވާ "ކޮވިޑް-19 އިންކަމް ސަޕޯޓް އެލަވެންސް ސްކީމް" ދިގުދަންމާލާން ނިންމާފައިވާ މުއްދަތުގެ ތެރޭގައި ވެސް، ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާގެ މަގުން ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކާއި ދިވެހިރާއްޖޭގައިވެސް ވައިރަސް ފެތުރިފައިވާ މިންވަރުގެ ސަބަބުން، ފިނިމޫސުމުގެ ފަތުރުވެރިކަމުގެ ހައި ސީޒަންގައިވެސް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވާނެ ކަމަށް ހޮޓާތަކާއި ރިސޯޓްތަކުން އަންދާޒާކުރޭ. ބައެއް ތަންތަން ބަންދުކޮށްފައިވާއިރު، ގިނަ އަދަދެއްގެ މަސައްކަތްތެރިން ތިބީ މުސާރަ ނުލިބޭ ގޮތަށް ނުވަތަ ކުޑަ މުސާރައަކާ އެކު ޗުއްޓީގައި އަދި ބައެއް ފަރާތްތަކުގެ ވަޒީފާ ވަނީ ގެއްލިފައި. މި ކާރިޡާގެ ސަބަބުން ވަޒީފާތަކަށް ކުރާ އަސަރު މި އަހަރުގެ ބޮޑުބަޔަކަށްވެސް ދެމިގެންދާނެ ކަމަށް ބެލެވޭ،" ވާލްޑް ބޭންކުން ރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ. "އިތުރު ފައިސާއާއެކު ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ފުޅާކުރުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ އަސާސީ ޚަރަދުތައް ފޫބެއްދުމަށް ބޭނުންވާ ވަރުގެ އާމްދަނީއެއް ލިބުމަށް އެހީއަކަށްވެގެންދާނެ."

ވޯލްޑް ބޭންކުން ބުނިގޮތުގައި "ކޮވިޑް- 19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ފެށިގެން މިހާތަނަށް އައިއިރު، ހާލުގައި ޖެހިފައިވާ މަސައްކަތްތެރިންގެ ދިރިއުޅުން ސަލާމަތްކުރުމުގައި ވަރަށް ބޮޑު ދައުރެއް ވަނީ އަދާކޮށްފަ އެވެ. އެގޮތުން، މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް، ކޮވިޑް-19 ގެ ކާރިޡާގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ 17،000 އެއްހާ މަސައްކަތްތެރިންނަށް ގާތްގަނޑަކަށް ޖުމްލަ 10.3 މިލިއަން ޑޮލަރު އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި ދީފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ. ހަމަ އެއާއެކު، ހޭލުންތެރިކުރުމާއި، ޝަރުތުތައް ލުއިކޮށްދިނުން އަދި އެހެނިހެން ގޮތްގޮތުން ފަސޭހަކޮށްދިނުން ފަދަ ޚާއްސަ ފިޔަވަޅުތައް މެދުވެރިކޮށް، އަންހެނުންނާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ފަދަ އާއްމު ގޮތެއްގައި ނުރަސްމީ ދާއިރާތަކުގަ އާއި ރަސްމީ އެއްބަސްވުންތައް ނެތް ގޮތަށް މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަހައްމިއްޔަތުކަން ދެމުންގެންދާ ކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ.

އެ ބޭންކުން ބުނިގޮތުގައި ވަގުތީ ގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ކުރިމަގުގައި ކުރިމަތިވެދާނެ ލޮޅުންތައް ކުޑަކުރުމުގެ ޤާބިލްކަން، މި މަޝްރޫއުގެ ދަށުން އިތުރުކުރެވިގެންދާނެ އެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މިފަދަ އެހީތެރިކަން ފޯރުވައިދެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކައުންސިލްތަކަށް އިތުރު މަޞްޢޫލިއްޔަތުތައް ދިނުމުގެ ގޮތުން އިދާރީ ކަންކަން ހަރުދަނާ ކުރެވޭނެ ކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ.

"ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތެއްގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި ވަޒީފާ ގެއްލޭ ފަރާތްތަކަށް ޚާއްސަ މުޅިން އާ އިންޝުއަރެންސް ޕްރޮގްރާމެއް ތަޢާރަފްކުރެވި، ވަރަށް ތަފްސީލީ ގޮތެއްގައި އެކަށައެޅޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޤައުމީ އޮނިގަނޑެއް އެކުލަވާލެވޭނެ. މީގެ އިތުރުން، މިހާރު ހުރި ރިޓަޔަމަންޓް ޕެންޝަން ސްކީމާއި އެފަދަ އެހެނިހެން ޕްރޮގްރާމްތަކުގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި އަންނަން އޮތް ޖީލުތަކަށް ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އެފަދަ ޕްރޮގްރާމްތައް މުރާޖަޢާކުރެވޭނެ،" އެ ބޭންކުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ވޯލްޑް ބޭންކުން "ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ކުރިއަށް ގެންދަނީ، ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިންނެވެ.

އެ ބޭންކުން ބުނިގޮތުގައި މި މަޝްރޫއަށް އިތުރަށް ހަރަދުކުރުމަށް ފާސްކޮށްފައިވަނީ ޖުމްލަ 21.6 މިލިއަން ޑޮލަރެވެ. މި ފައިސާ ހަމަޖެހިފައިވަނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ ހިލޭ އެހީގެ ގޮތުގައި ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ވޯލްޑް ބޭންކުން ބުނިގޮތުގައި އިތުރަށް ހަމަޖެހުނު ފައިސާއާ އެކު، "ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" އަށް ޖުމްލަ ހޭދަކުރެވޭނީ 34.4 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި، މީގެ ކުރިން އައިޑީއޭ އިން ފޯރުކޮށްދީފައިވާ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ ހިމެނޭ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.