މި ދުވަސްވަރު ކޮވިޑްގެ ކޭސްތައް ގިނަވަމުންދާތީ، ޓެކްސް ދައްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، ކުރިމަތިވަމުން އަންނަ ޓެކުހުގެ ސުންގަޑިތަކުގައި ޚިދުމަތް ހޯދަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދާ މީހުން ސަމާލުވާން އިލްތިމާސްކޮށްފި އެވެ.

މީރާއިން ބުނީ މި މަހުގެ ފަހު ހަފްތާއަކީ ޓެކުހުގެ މުހިންމު ސުންގަޑިތަކެއް ހިމެނޭ ހަފްތާއެއް ކަމަށެވެ. މި ގޮތުން، ބުރާސްފަތި ދުވަހަކީ ޑިސެންބަރު 2020 އަދި 2020 ގެ ހަތަރުވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއެވެ. އަދި، 31 ޖެނުއަރީ 31އަކީ އާމްދަނީން ނަގާ ޓެކުހުގެ 2020 ވަނަ އަހަރުގެ ދެ ވަނަ އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި ކަމަށް މީރާ އިން ބުންޏެވެ.

"ވޭތުވެ ދިޔަ އަހަރުތަކަށް ބަލާލާއިރު، މި ފަދަ ސުންގަޑިތަކަކީ ވަރަށް ގިނަ ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށްޓަކައި މީރާއަށް ޒިޔާރަތްކުރާ ސުންގަޑިތަކެއްކަން މީރާއިން ފާހަގަކުރެވޭ. ނަމަވެސް، މި ދުވަސްވަރު ކޮވިޑް-19ގެ ސަބަބުން އިޖުތިމާއީ ގައިދުރުކަމާއެކު ޚިދުމަތް ދެމުން ގެންދާތީ ޚިދުމަތް ދޭ ކައުންޓަރުތައް މަދުވާނެ ކަން ފާހަގަކޮށް، ޓެކްސް ދައްކާ ފަރާތްތަކުން އެންމެ ފަހު ވަގުތަށް މަޑު ނުކުރައްވައި ދުރާލާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާދެއްކުމަކީ މީރާގެ ވަރަށް ބޮޑު އެދުމެއް،" މީރާއިން ބުންޏެވެ. "މީގެ އިތުރުން، ޖީއެސްޓީ ބަޔާނާއި އިންކަމް ޓެކްސް އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމަކީ އޮންލައިކޮށް ކުރެވޭ ކަމެއް ކަމަށް ވެފައި، ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށް ވެސް މީރާ ކަނެކްޓް އެކައުންޓް ދޫކޮށްފައިވާތީ، ކޮވިޑްގެ މި ހާލަތުގައި ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުންވެސް އޮންލައިން ޚިދުމަތް ބޭނުންކުރުމަށް އިސްކަންދިނުމަކީ މީރާގެ ވަރަށް ބޮޑު އެދުމެއް."

މީރާއިން ބުނީ ޖީއެސްޓީ ސުން ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ވާރު ޕޭ ނުވަތަ މީރާ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް ފަސޭހަ ކަމާއެކު އެކަން ކުރެވޭނެ ކަމަށެވެ.