ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން މި އަހަރު ވެސް ރާއްޖެ އަށް "ބީ މައިނަސް" ރޭޓިން ދީފި އެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތް ގޮތަށް ބަލާ މިދިޔަ އަހަރު ވެސް ފިޗް ރާއްޖެ އަށް ދީފައިވަނީ 'ބީ މައިނަސް' ގެ ރޭޓިން އެކެވެ. މި އަހަރު ވެސް ފިޗް އިން ވަނީ އެ ރޭޓިން ދަމަހައްޓައިފަ އެވެ.

ފިޗް އިން ބުނީ އިގްތިސޯދީ އަދި މާލީ ގޮންޖެހުންތަކުން ރާއްޖެ އަށް އަދިވެސް އަރައިނުގަނެވޭ ކަމަށާއި އެކަމަށް ގޮންޖެހުންތައް ވެސް އެބަހުރި ކަމަށެވެ.

އެގޮތުން ރާއްޖޭގެ ފޮރިން ރިޒާވް ދަށްވެފައިވާކަން ފާހަގަކޮށް އިންޑިއާއާ އެކު ހަދާފައިވާ ކަރަންސީ ސްވޮޮޕް އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި މަރުކަޒީ ބޭންކު އެމްއެމްއޭ އިން 300 މިލިއަން ޑޮލަރު ނަގާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ރާއްޖެ އިން 2025 އަދި 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަންޖެހޭއިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ޑޮލަރު މަދުކަން ފިޗުން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ފިޗް އިން ވަނީ ސަރުކާރުގެ ހަރަދުތައް އަންނަ އަހަރަށް ވެސް އިތުރުވާނެ ކަމަށް ލަފާ ކޮށްފަ އެވެ. އެގޮތުން ލޯން އެހީގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫއުތައް އިތުރުވުމާ އެކު ފަތުރުވެރިކަމުން ލިބޭ އިޤްތިސާދީ ކުރިއެރުން އަދި ޖީއެސްޓީ އަށް ގެނައި ބަދަލުން މިބައި ފޫބެއްދޭ މިންވަރު ކުޑަވާނެ ކަމަށް ފިޗް އިން ގަބޫލު ކުރެ އެވެ. އަދި ކަރަންޓާއި ތެލަށް ދެމުން އަންނަ ސަބްސިޑީސް އަށް ބަދަލު ގެނައުމަށް ނިންމާފައިވާ ނިންމުން އިންތިހާބީ އަހަރަކަށް ވުމުން ފަސްކޮށްފައިވާކަން އެ އޭޖެންސީން ފާހަގަ ކުރެ އެވެ. މިއާކު ވެސް ދައުލަތަށް ލިބޭ އާމްދަނީއާއި ބަލާ ހަރަދުތައް ބޮޑުކަން ވަނީ ފާހަގަކޮށްފަ އެވެ.