ފެނަކަ އާއި މިފްކޯ އިން ނަގާފައިވާ ލޯނުތަކަށް ސަރުކާރުން ގެރެންޓީ ދީފި އެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ފެނަކަ އިން މިދިޔަ ޖޫން މަހު އެމްއައިބީއިން ނަގާފައިވާ 200 މިލިއަން ރުފިޔާގެ ލޯނަށް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ.

އެ ލޯނު ނެގީ 3.5 ޕަސެންޓްގެ އިންޓަރެސްޓާ އެކު އެވެ. އެ ލޯނު 2026 ވަނަ އަހަރު އަނބުރާ ދައްކާ ނިމޭއިރު ޖުމްލަ 218 މިލިއަން ރުފިޔާ އެމްއައިބީ އަށް ދައްކަން ޖެހޭނެ އެވެ.

މިފްކޯ އިން މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު ހަބީބު ބޭންކުން ނަގާފައިވާ 150 މިލިއަން ރުފިޔާގެ ލޯނަށް ވެސް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ. އެ ލޯނު އަނބުރާ ދައްކާ އިރު 160 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭ އިރު، ލޯނު އަނބުރާ ދައްކަން ނިންމަން ޖެހެނީ 2028 ވަނަ އަހަރު އެވެ.

ފެނަކަ އާއި އެމްއައިބީގެ ލޯނަށް ސަރުކާރުން ގެރެންޓީ ދީފައިވާ އިރު މިދިޔަ އަހަރު ވެސް ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނެގި ފަސް ލޯނަކަށް ގެރެންޓީ ދީފަ އެވެ. މިދިޔަ އަހަރު ގެރެންޓީ ދިން ލޯނުތަކުގެ އަދަދު 7.4 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

ދައުލަތުގެ ޖުމްލަ ދަރަނި 100 މިލިއަނަށް ވުރެ މަތީގައި ހުރި އިރު 50 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. އެތެރޭގެ ދަރަންޏަކީ 59 ބިލިއަން ރުފިޔާ އެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 113 ޕަސެންޓެވެ.