ރާއްޖޭގައި ހިންގާ އެއްވެސް ބޭންކަކުން މިއަހަރު ފައިދާ ބަހާނަމަ އެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އަންގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

މަރުކަޒީ ބޭންކުން ބުނީ ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ރެގިއުލޭޓަރީ ކަންކަން ބަލަހައްޓާ ބެލެނިވެރި ފަރާތެއްގެ ހައިސިއްޔަތުން އެމްއެމްއޭއަށް ބޭންކުތަކަށް މިފަދަ ކަންކަމުގައި އަމަލުކުރަންވާ ގޮތް އެންގުމުގެ ބާރު އޮންނަ ކަމަށެވެ. އަދި ވިޔަފާރީގެ ފައިދާ ބެހުމަށް ހުއްދަ ހޯދަން ޖެހޭކަން ބޭންކުތަކަށް އަންގާފައި ވަނީ ރެގިއުލޭޓަރުގެ ހައިސިއްޔަތުން އާންމުކޮށް އެކަންކުރަން އޮންނަ އުސޫލުގެ ދަށުންކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ ބޭންކުތަކަށް މިހެން އަންގާފައިވަނީ ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ކަމަށެވެ.

މިދިޔަ މަހުގެ ކުރީކޮޅު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ސޮއި ކުރައްވައި، ބޭންކުތަކަށް ވަނީ މިއަހަރު އެއްވެސް ފައިދާއެއް ނުބެހުމަށް އަންގާ ސިޓީއެއް ފޮނުވާފަ އެވެ. އެއީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދީ ގޮތުން ކުރާނެ އަސަރު ލަފާކުރަން ނޭނގޭ ދަނޑިވަޅުގައި ބޭންކުތަކުން ހިއްސާދާރުންނަށް ފައިދާ ބަހައިފި ނަމަ، އެބޭންކުތަކުގެ ރައުސްމާލަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތުމުން ކަމަށް އެ ސިޓީގައިވެ އެވެ.

އެ ސިޓީގައި ވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން އެއްވެސް ކަހަލަ ނިންމުމެއް ނިންމުމުގެ ހުއްދަ ރެގިއުލޭޓަރުގެ ހައިސިއްޔަތުން ދެވެން ނެތް ކަމަށެވެ. ނަމަވެސް އެމްއެމްއޭއިން ފަހުން ވަނީ މިކަމުގައި އަމަލްކުރަންވާ ގޮތް ބަދަލުކޮށް، ހިއްސާ ބަހާނަމަ އެމްއެމްއޭއަށް އަންގާ ހުއްދަ ހޯދަންޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ.