މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޓީމުންތައް މިއަދު ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތް ކުރަން ފަށައިފި އެވެ

މީރާއިން ބުނީ މިއީ އެތަނުން ފާހަގަ ކުރާ "ކޮމްޕްލަޔަންސް ޑޭ" ގެ ހަރަކާތުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ.

މީރާގެ "ފަންސައާހި" ކެމްޕޭނުގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑި އަށް ޓެކްސް ބަޔާން ހުށަހެޅުމުގައި ދިމާވާ ދަތިތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

މީރާ އިން ބުނީ ކަނޑައަޅައިފައިވާ ސުންގަޑި އަށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަކީ، ޓެކްސް އިދާރާގެ ރެކޯޑްތަކުގައި އެ ޓެކްސް ދައްކާ ފަރާތަކީ ޓެކުހުގެ ޤާނޫނުތަކުގެ ދަށުން އަދާކުރަން ޖެހޭ ޓެކްސް ބަޔާން ހުށަހެޅުމުގެ އިލްތިޒާމުތައް ސުންގަޑިއަށް އަދާކުރާ ފަރާތެއްގެ ގޮތުގައި ފާހަގަވެ، އެ ފަރާތުގެ "ކޮމްޕްލަޔަންސް ސްކޯ" ރަނގަޅުވެ، އަދި މީރާއިން ޓެކްސް ދައްކާ ފަރާތްތަކަށް ދެވޭ ލުއިތަކުގައި އެ ފަރާތަކަށް އިސްކަން ދެވިގެން ދާނެ ކަމަށެވެ.

އެހެން ކަމުން ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މީރާއިން އަބަދު ވެސް އިލްތިމާސްކުރެ އެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން މީރާގެ ޓީމްތައް ވިޔަފާރިތަކަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.