އައްޑޫ ސިޓީއަށް ބައިނަލްއަގުވާމީ ބަނދަރުތަކުން މުދާ އެތެރެކޮށް ބައިނަލްއަގުވާމީ ބަދަރުތަކާ ގުޅާދިނުމުގެ ގޮތުން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގަތް ބޯޓުގެ ފުރަތަމަ ދަތުރުގައި އައްޑޫގެ ސަރަހައްދީ ބަނދަރުގައި، ބަނދަރުކޮށްފި އެވެ.

ބައިނަލްއަގުވާމީ ބަނދަރުތަކުން އައްޑޫ ސިޓީއަށް މުދާ އެތެރެކުރުމަށް މަގުފަހިކޮށްދިނުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އިން އެމްއެސްއެސް އޯޕަލް ނަމަކަށް ކިޔާ ބޯޓު ގަނެފައިވަނީ މި އަހަރުގެ އޯގަސްޓް މަހު އެވެ.

މި ބޯޓުގެ ދަތުރުތައް ފަށާފައިވާއިރު، ދަތުރުތަކަށް ބުކް ކުރުމުގެ ފުރުސަތު މިހާރު އެ ކުންފުނިން ވަނީ ހުޅުވާލައިފަ އެވެ. އަދި ކޮންމެ 10 ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ މި ބޯޓް ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ، މާލެ ރޫޓުގަ އެވެ.

އެމްއެސްއެސްއިން ބުނީ އޯޕަލް އަކީ 105 ކޮންޓެއިނާ އުފުލޭ ބޯޓެއް ކަމަށެވެ. އެ ބޯޓަކީ ކްރޭން ހަރުކޮށްފައިވާ އުޅަނދެކެވެ. އަދި މިކަމުގެ ސަބަބުން ހިތަދޫ ޕޯޓް ލިމިޓެޑުގެ ދަށުން ހިންގާ ސަރަހައްދީ ބަނދަރުގައި ކްރޭން ނެތުމުގެ ސަބަބުން މުދާ ބޭލުމުގައި ދިމާވާ ދަތިތަކަށް ވެސް ހައްލު ލިބޭނެ އެވެ.

އެމްއެސްއެސް އޯޕަލް އައްޑޫ ސަރަހައްދީ ބަނދަރުގައި.. ފޮޓޯ: އެމްއެސްއެސް

ބޯޓުގައި 20 ރީފާ ކޮންޓެއިނާ ހިމެނޭއިރު މި އޮޕަރޭޝަންގެ ސަބަބުން މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުވެ، ގަވާއިދުން މުދާ އުފުލައިދޭނެ އިތުބާރުކުރެވޭ ފަރާތެއް އުފެދި، ބާޒާރުގައި މި ހިދުމަތުގެ އަގު ހިފެހެއްޓޭނެ ކަމަށް އެމްއެސްއެސްއިން ގަބޫލު ކުރެ އެވެ. މީގެ އިތުރުން ވެސް މޫސުން ގޯސްވާ ދުވަސްވަރު އައްޑޫއަށް ކާޑުގެ ބާވައްތައް އުފުލުމުގައި ވެސް މި ބޯޓު އެހީތެރިވެދޭނެ ކަމަށް އެމްއެސްއެސްއިން ބުނެ އެވެ.

އައްޑޫގެ ސަރަހައްދީ ބަނދަރު ބައިންލައަގްވާމީ ބަނދަރުތަކާ ގުޅުވާލެވުމުން މާލެ ފިޔަވައި އިތުރު ސަރަހައްދެއްގައި ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްޤީވެ ވަޒީފާގެ ފުރުސަތުތައް ވެސް ފަހިވެގެންދާނެ އެވެ. އަދި މިއީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތަށް ވަރުގަދަވެގެން ދާނެ ކަމެއް ކަމަށް އެމްއެސްއެސްއިން ބުނެ އެވެ.

ދެހާސް ވިހި ވަނަ އަހަރު އުފެއްދި އެމްއެސްއެސް އިން އެމްއެސްއެސް އޯޕަލް ގެނައުމާ އެކު ވެގެންދާނީ އެ ކުންފުނިން ގެންނަ ފަސްވަނަ ބޯޓަށެވެ.