އިންޑިއާ މާކެޓް ފުޅާކުރަން އިންޑިއާގެ އެންމެ ބޮޑު ޓްރެވަލް ކުންފުނި ކަމަށްވާ ތޯމަސް ކުކްއާއެކު ޖޮއިންޓް މާކެޓިން ކެމްޕެއިނެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ފަށަން ސޮއިކޮށްފި އެވެ.

އެމްއެމްޕީއާރުސީން ބުނީ ތިން މަސްދުވަހަށް އިންޑިއާ މާކެޓަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ ކެމްޕެއިނުގައި އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރަން ޝައުގުވެރިކަން އުފައްދައި، ޓޫރިސްޓުންގެ އަދަދު އިތުރުކުރަން ރާއްޖެ އިޝްތިހާރުކުރާނެ ކަމަށެވެ. އަދި ތޯމަސް ކުކް އިންޑިއާގެ އޮންލައިން ޗެނަލްސްތައް ބޭނުންކޮށްގެން ރާއްޖެއަކީ މަގުބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ތޯމަސްކުކްއާއެކު ޖޮއިންޓް މާކެޓިން ކެމްޕެއިން ފެށީ އެއީ އިންޑިއާ މާކެޓްގައި އެންމެ ބޮޑު އޮޕަރޭޓަރަށްވުމުން ކަމަށެވެ. އޭގެ އިތުރުން އިންޑިއާއަކީ ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ކެމްޕެއިންގެ ސަބަބުން އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު ކުރިއަށްއޮތް ތަނުގައި އިތުރުވާނެ ކަމަށް އުންމީދުކުރެވޭ. ރާއްޖެ އަކީ ހަމައެކަނި ހަނީމޫން މަންޒިލެއް ނޫން. އެކި ފަންތީގެ ޓޫރިސްޓުންނަށް ރާއްޖެއިން ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ. އެގޮތުން މި ކެމްޕެއިނުގެ ސަބަބުން އިތުރަށް ރާއްޖެ އިޝްތިހާރުވާނެ،" ތޮއްޔިބު ވިދާޅުވި އެވެ.

ތޯމަސްކުކް އިންޑިއާގެ ކަންޓްރީ ހެޑް ރާޖީވް ކޭލް ވިދާޅުވީ ރާއްޖެ އިންޑިއާ މާކެޓްގައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ތޯމަސް ކުކް އިންޑިއާ ޚިޔާރުކުރީތީ އުފާ ކުރައްވާ ކަމަށެވެ. އަދި ބަލިމަޑުކަމުގެ ތެރޭގައި ވެސް މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް ވަނީ 500،000 ޓޫރިސްޓުން ދަތުރުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.