ދިރާގަށް 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ކުންފުނިން ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

ދިރާގުގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި އިވެންޓްގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙްމަދާއި ދިރާގުގެ ބޯޑް އޮފް ޑިރެކްޓާސްގެ ޗެއާމަން އިސްމާޢީލް ވަޙީދާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ރަޝީދުގެ އިތުރުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި ލީޑާޝިޕް ޓީމުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ވިލާ ނޯޓިކާ ޕެރެޑައިސް އައިލެންޑްގައި ބޭއްވި މި ރަސްމިއްޔާތުގައި ވަނީ 1988 ވަނަ އަހަރު ދިރާގު އުފެދުނީއްސުރެ އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ 22 މުވައްޒަފެއްގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑެއް ދީފަ އެވެ.

މިއާއެކު މި ހަފްލާގައި ވަނީ އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ފޮޓޯ ފޮތް ކަމަށްވާ 'ލީޑިން ދަ ޑިޖިޓަލް ޓްރާންސްފޯމޭޝަން ޖާނީ އޮފް ދަ މޯލްޑިވްސް' ޑިޖިޓަލްކޮށް އިފްތިތާހުކޮށްފަ އެވެ. މި ފޮތް އިފްތިތާހުކޮށްދެއްވީ ދިރާގުގެ ޗެއަޕާސަން އިސްމާޢީލް ވަޙީދު އަދި ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ރަޝީދެވެ. މިހާރު ދިރާގު ވެބްސައިޓުން ޑިޖިޓަލްކޮށް ލިބެން ހުރި މި ފޮތުގައި ރާއްޖޭގެ ގައުމީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކޮށް، ފާއިތުވި 35 އަހަރު ދުވަހުގެ ތެރޭގައި ދިރާގުން ހޯދާފައިވާ މުހިންމު ކާމިޔާބީތައް ދައްކައިދީފައިވެ އެވެ.

މީގެ އިތުރުން ކުލަގަދަ، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އެކު އެ ކުންފުނިން ވަނީ އަގުހުރި އިނާމު ތަކާ އެކު މުވައްޒަފުންގެ މެދުގައި ހާއްސަ ލަކީ ޑްރޯއެއް ވެސް ބާއްވައިފަ އެވެ.

ދިރާގުން އަބަދުވެސް ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މުވައްޒަފުންކުރާ ހީވާގި މަސައްކަތް ފާހަގަކޮށް އަގު ވަޒަންކުރަމުންނެވެ.