ސައޫދީ ފަންޑުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެހީ ދިނުމަށް ނިންމާފައި ވަނީ މިދިޔަ ހަފްތާގަ އެވެ. މި އެހީގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމުމަށް ދީފައިވާ އެހީ އެކެވެ. އަނެއް 50 މިލިއަން ޑޮލަރަކީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ދިން އެހީ އެކެވެ.

އެއާޕޯޓް ތަރައްގީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ. އެހެންވެ، އެއާޕޯޓު ތަރައްގީ ކުރަން ސައުދީ ފަންޑުން ދިން އަދަދު 200 މިލިއަން ޑޮލަރަށް މިހާރު އަރާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން އިމާރާތް ކުރަން ފެށި އާ ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް މި ސަރުކާރުން ލަފާކޮށްފައި ވަނީ 2025 ގަ އެވެ. އެކި ސަބަބުތަކާ ހެދި އެ ތަނުގެ މަސައްކަތް ވަރަށް ބޮޑަށް ވަނީ ލަސްވެފަ އެވެ.

މިދިޔަ ފަސް އަހަރު ވެސް ސައުދީ ފަންޑުން އަންނަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑެތި އެހީތަކެއް ދެމުންނެވެ. މަސްވެރިކަމުގެ ދާއިރާ ފުޅާކުރަން 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ގެ ލޯނެއް ވަނީ ދީފަ އެވެ. ހައުސިން މަޝްރޫއަކަށް ވެސް 25 މިލިއަން ޑޮލަރުގެ (385 މިލިއަން ރުފިޔާ) ދިނެވެ.