ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 90 ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ބުނީ ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ތާރު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މަގުމަތީ ނިޝާން އަދި ޒީބްރާ ކްރޮސިން ނިޝާން ޖެހުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުތައް ސާފުކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ތާރު އަޅައިގެން ހެދި ރ. ދުވާފަރުގެ މަގުތަކުގެ ބޮކިތައް ދިއްލާލާފައި. ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813.08 އަކަ މީޓަރުގެ ސަރަހައްދެއް ހެދުމާއި މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަޙައްދެއް ހެދުން އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ތާރު އަޅައިގެން ހެދި ރ. ދުވާފަރުގެ މަގުތަކުގައި ޒިބްރާ ކްރޮސް ކުރަހާފައި. ފޮޓޯ: އެމްޓީސީސީ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 47.04 މިލިއަން ރުފިޔާ އަށެވެ.