ހުޅުމާލޭގައި އެސްޓީއޯއިން ހަދަން ފެށި ހޮޓަލް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ހުޅުވާލައިފި އެވެ.

އެސްޓީއޯއިން ހަދަން ފެށި ސިޓީ ހޮޓާގެ މަސައްކަތް އެޗްޑީސީއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ފަސްތަރީގެ ފެންވަރަށް ތަރައްގީކުރަން ފެށި ހޮޓަލުގެ މަސައްކަތް ނިންމައި، އެތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ހަދަން ފެށި 250 ކޮޓަރި ހިމެނޭ ހޮޓެލް. އެތަން ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން ވަނީ އިއުލާންކޮށްފައި. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

އެ ހޮޓަލާ ބެހޭ އެއްވެސް ތަފުސީލެއް ނުދީ ނެރުނު އިއުލާނުގައި ވަނީ އެތަން ތަރައްގީކޮށް ނިންމައި ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ނުވަވަނަ ދުވަހުގެ ކުރިން އެޗްޑީސީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ހުޅުމާލޭގައި ސިޓީ ހޮޓަލެއް ތަރައްގީކުރަން ފެށީ ހުޅުމާލެއިން ބިމެއް އެސްޓީއޯއިން ހޯދީ 2007 ވަނަ އަހަރު އެވެ. އަދި "ރެޑިސަން ބްލޫ" ގެ ނަމުގައި ހޮޓާ ހިންގާ އެމެރިކާގެ ކާލްސަން ގުރޫޕާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، ހޮޓާ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އެސްޓީއޯއިން ފެށީ 2012 ވަނަ އަހަރު އެވެ.

އެ ހޮޓަލުގެ މަސައްކަތަށް ތައިލެންޑުގެ އެގްޒިމް ބޭންކުން ވަނީ ދިހަ މިލިއަން ޑޮލަރުގެ ލޯނެއް ވެސް ނަގާފަ އެވެ. ނަމަވެސް އިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް 2014 ވަނަ އަހަރު ރައީސް އޮފީހުން އަންގައިގެން ހޮޓަލުގެ މަސައްކަތް ހުއްޓާލި އެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެސްޓީއޯއިން ދިޔައީ ހޮޓާ ވިއްކާލުމުގެ މަސައްކަތް ކުރަމުންނެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ހަދާ ހޮޓަލަކީ އެކި ފަންތީގެ 250 ކޮޓަރި ހިމެނޭ ގޮތަށް ތަރައްގީކުރަން ފެށި ތަނެކެވެ. މީގެ އިތުރުން އެތަނުގައި ޝޮޕިން އާއި ރެސްޓޯރަންޓުތަކާއި އިވެންޓް ހޯލްއާއި އެހެނިހެން ޚިދުމަތްތައް ވެސް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.