އެޗްއެސްބީސީ އަމާނާ މެލޭޝިއާގެ ވަގުތީ ސީއީއޯއަކަށް ދިވެއްސަކު ހަމަޖައްސައިފި އެވެ.

އަވާހަރަވެފައިވާ ކުރީ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ދަރިކަލުން އަހުމަދު ފިރާސް އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ 15ން ފެށިގެންނެވެ. މިހާރު ވެސް އޭނާ ހުންނެވީ އެ ބޭންކުގެ ހެޑް އޮފް ޝަރީއާގެ މަގާމުގަ އެވެ.

ފިރާސް އެޗްއެސްބީސީ އާމާނާއާ ގުޅިވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ. އެ މަގާމާ ފިރާސް ހަވާލުވެވަޑައިގެންނެވުމަށްފަހު އެ ބޭންކުގެ އޮޕަރޭޝަނަލް ރިސްކް ޕްރޮގްރާމަށް ބޮޑެތި ބަދަލުތަކެއް ގެންނެވި އެވެ. އަދި އޭގެ އިތުރުން ހިންގުން ހަރުދަނާކުރުމަށާއި އީ ލާނިން މޮޑިއުލްތަކަށް ޑިޖިޓަލް ސޮލިއުޝަން ހޯދައިދީފައިވެ އެވެ.

އެޗްއެސްބީސީއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ފިރާސްވަނީ ބީއެމްއެލް އިސްލާމިކް އިސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ރާއްޖޭގައި އިސްލާމިކް ބޭންކިން ހަރުދަނާކުރުމަށް އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ.