ދައުލަތުގެ ބަޖެޓުން މިއަހަރުގެ މިހާތަނަށް ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަބްސިޑީ އަށް ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެގޮތުގައި 7.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މީގެތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ސަބްސިޑީއަށެވެ.

ބަޖެޓުގައި ހިމަނާފައި ވަނީ މި އަހަރަށް ސަބްސިޑީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް އަހަރުގެ މިހާތަނަށް ވަނީ ސަބްސިޑީއަށް ތިން ބިލިއަން ރުފިޔާ ހަރަދުވެފަ އެވެ. ސަބްސިޑީތަކަށް ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލުތަކެއް ވީކްލީ ފިސްކަލް ރިޕޯޓުގައި ހިމަނާފައެއް ނުވެ އެވެ.

ސަބްސިޑީގެ އިތުރުން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އާސަންދައަށެވެ. މި އަހަރުގެ މިހާތަނަށް 1.5 ބިލިއަން ރުފިޔާ ވަނީ އާސަންދައަށް ހަރަދުކޮށްފަ އެވެ. މިއީ މި އަހަރަށް ބަޖެޓުކުރި އަދަދަށް ވުރެ 46.6 އިންސައްތަ އިތުރު އަދަދެކެވެ. ބަޖެޓުގައި އާސަންދައަށް ހިނގާނެ ކަމަށް ލަފާކޮށް ހިމަނާފައި ވާ ނީ އެއް ބިލިއަން ރުފިޔާ އެވެ.

ކައުންސިލްތަކަށް ދޭ ގްރާންޓުތަކަށް ބަޖެޓުގައި 1.8 ބިލިއަން ރުފިޔާ ހިމާނާފައިވެއެވެ. އަދި އަހަރުގެ މިހާތަނަށް މިކަމަށް ވަނީ 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

ދެން މިބައިގައި ހިމެނެނީ އިތުރު ގްރާންޓުތަކާއި ކޮންޓްރިބިއުޝަންތަކެވެ. ބަޖެޓުގައި މިކަމަށް ހިނގާނެ ކަމަށް ލަފާކޮށް ހިމަނާފައި ވަނީ 1.4 ބިލިއަން ރުފިޔާ އެވެ. އަދި އަހަރުގެ މިހާތަނަށް ގްރާންޓުތަކާއި ކޮންޓްރިބިއުޝަންގެ ގޮތުގައި 1.1 ބިލިއަން ރުފިޔާވަނީ ހޭދަކޮށްފަ އެވެ.

އަހަރުގެ މިހާތަނަށް ސަބްސިޑީއަށް ތިން ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި ކުރެވޭ ހޭދައިގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ފިއުލް ސަބްސިޑީ، ކަރަންޓް ސަބްސިޑީ އަދި ކާބޯތަކެތީގެ އަގު ހެޔޮކުރުމަށްޓަކައި ދެވޭ ސަބްސިޑީތަކަށެވެ.

ސަބްސިޑީތަކުގެ ތެރެއިން ވެސް ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ފިއުލް ސަބްސިޑީއަށެވެ.

ފިއުލް ސަބްސިޑީއަކީ ކަރަންޓް އުފައްދާ ކުންފުނިތަކަށް ވިއްކާ ތެލުގެ އަގު ވަކި އަގެއްގައި ކޮންޓްރޯލް ކޮށްފައިވުމުގެ ސަބަބުން ރާއްޖެއަށް އެތެރެ ކުރާ ތެލުގެ ކޮސްޓާއި ކަރަންޓު އުފައްދާ ކުންފުނިތަކަށް ވިއްކާ އަގުގެ ފަރަގު އެސްޓީއޯއަށް ފޯރުކޮށްދިނުމަށް ހިނގާ ސަބްސިޑީއެކެވެ.