ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ސާވިސާ ޗާޖު މިފަހަރު ކޮންމެ މުވައްޒަފަކަށް އާދަޔާ ޚިލާފު ބޮޑު އަދަދެއް ބަހަން ނިންމައިފި އެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް އިން އާއްމުކުރި މައުލޫމާތުން ދައްކާ ގޮތުގައި ނ. އަތޮޅުގައި އޮންނަ އެންމެ މަތީ ފެންވަރުގެ އެ ރިސޯޓުން މިމަހު މީހަކަށް ސާވިސް ޗާޖުގެ ގޮތުގައި 4،079 ޑޮލަރު (62،898ރ) ދޭން ނިންމާފައިވެ އެވެ.

ޗެކްރިޕަބްލިކްގެ ގެބްލިން ވިޔަފާރިކުރާ މަހުޖަނުންތަކެއް ހިންގާ އެ ރިސޯޓަށް މިފަހަރު ކްރިސްމަސް އާއި އާ އާހަރު ފާހަގަކުރަން ޕްރައިވެޓް ޖެޓްތަކުގައި އެކި ގައުމުތަކުން ގިނަ އަދަދެއްގެ މަހުޖަނުން ޗުއްޓީ ހޭދަކުރި ކަމަށްވެ އެވެ.

ނ. އަތޮޅުގައި އޮންނަ އަގު ބޮޑު ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓު. ރެކޯޑް މިންވަރެއްގެ އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި މިފަހަރު ބެހި. ފޮޓޯ: ވެލާ

ރާއްޖޭގައި އެންމެ އަގުބޮޑުކޮށް ހިދުމަތްދޭ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވެލާއަކީ އަބަދުވެސް އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ދޭ އެއް ރިސޯޓެވެ. 300 އެއްހާ މުވައްޒަފުން މަސައްކަތްކުރާ އެ ރިސޯޓުގެ މުވައްޒަފުން ގިނަ ފަހަރަށް ސާވިސް ޗާޖު އާއްމެއް ނުކުރެ އެވެ.

މާލެ ކައިރީގައި އޮންނަ ވޯލްޑޮފް އެސްޓޯރިއާ ރިސޯޓު.

ވެލާގެ އިތުރުން މިފަހަރު ދެވަނައަށް އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ބަހާފައި ވަނީ ވޯލްޑޮފް އެސްޓޯރިއާ އިންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 3،340 ޑޮލަރު ((51،502ރ) އަދި ތިންވަނަ އަށް އެންމެ ބޮޑު އަދަދެއް ބަހާފައި ވަނީ ނ. އަތޮޅުގައި ދުބާއީގެ ޝާހީ ފެމިލީން ފްރާންސްގެ އެލްވީއެމްއެޗާ ގުޅިގެން ހިންގާ ޝެވަލް ބްލޮންކް ރަންދެލިންނެވެ. އެ ރިސޯޓުން ވެސް މިމަހު ކޮންމެ މުވައްޒަފަކަށް ސާވިސްޗާޖުގެ ގޮތުގައި 3،315 ޑޮލަރު 51،117 ޑޮލަރު ބަހާފައިވެ އެވެ. މީގެ އިތުރުން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ވެސް 3،007 ޑޮލަރު (46،367ރ) ދޭން ވަނީ ނިންމައިފަ އެވެ.