އައިލެންޑް އޭވިއޭޝަނުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ ފިއުލް ފާމެއް ހުޅުވައިފި އެވެ.

މާފަރު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފިއުލް ފާމް ހުޅުވައިދެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ އެވެ.

މާފަރު އެއާޕޯޓުގައި ހުޅުވާފައިވާ ފިއުލް ފާމަކީ މޯލްޑިވްސް އިސްލާމިކް ބޭންކުން ފައިނޭންސްކޮށްގެން ހުޅުވާފައިވާ ފިއުލް ފާމެކެވެ.

އައިލެންޑް އޭވިއޭޝަނުން މެނޭޖްކުރާ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްގީ ކޮށްފައިވާ ފިއުލް ފާމުގައި 400،000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ އެވެ. އަދި މި ފިއުލް ފާމުގައި 35000 ލީޓަރުގެ ތެޔޮ ބައުޒަރަކާއި 20000 ލީޓަރުގެ ތެޔޮ ބައުޒަރެއް އޮވެ އެވެ.

މާފަރު އެއާޕޯޓަކީ ގިނަ އަދަދަކަށް ޕްރައިވެޓު ޖެޓު ޖައްސާ އެއާޕޯޓަކަށްވުމުން، މި ފިއުލް ފާމްއާއެކު އެ އެއާޕޯޓުން ޙިދުމަތް ހޯދާ ޖެޓްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ދެކެ އެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓާނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މާފަރު އިންޓާނޭޝަނަލް އެއާޕޯޓު ރަންވޭ ބޮޑުކޮށް، އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރަމުންނެވެ.