ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އަދި ރީސައިކަލްކޮށްފައިވާ މެޓީރިއަލްގައި ޕްރިންޓްކޮށްފައިވާ އާ ކާޑު ރޭންޖެއް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން މި ކާޑުތަކުގެ ޒަރިއްޔާ އިން ދައްކުވައިދިނުމަކީ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ރީތި، ނަމަވެސް ނާޒުކު ވެށި ހިމާޔަތް ކުރުމަށް ކަސްޓަމަރުން މެދުގައި ޒިންމާދާރުކަމުގެ އިހުސާސް އުފެއްދުމަށް އެހީތެރިވުމަށް ބޭންކަށް ލިބޭ ފުރުސަތެއް ކަމަށެވެ.

"އަލަށް ތައާރަފްކުރި ކާޑުތައް އުފައްދާފައިވަނީ ރީސައިކަލް ޕްލާސްޓިކްގައި. މިއީ ވިޔަފާރީގައި ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. އަޅުގަނޑުމެންގެ ކާޑުތަކަކީ ހަމައެކަނި ބަލާލަން ރީތިކާޑުތަކެއް ނޫން، މިއީ ދުނިޔޭގެ ތިމާވެއްޓަށް ރައްކާތެރި ކާޑުތަކެއްވެސްމެ،" ސްޓުމްކަ ވިދާޅުވި އެވެ.

އަލަށް ތައާރަފްކުރި ކާޑުތަކުގައި ބޭނުންކޮށްފައިވާ ރާއްޖޭގެ ފޮޓޯގްރާފަރުން ނަގާފައިވާ ފޮޓޯތަކުން ދައްކުވައިދެނީ ރާއްޖޭގެ ރަށްތަކުން ފާހަގަކުރެވޭ ރެދަން އަދި މުރަކައިގެ ތަފާތު ރީތި މަންޒަރުތަކެވެ.

އާ ޑިޒައިންތަކަކީ ބޭންކުގެ ވިސާ އަދި މާސްޓާކާޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑަށް ތައާރަފްކުރި ޑިޒައިންތަކެކެވެ. ބީއެމްއެލް ވިސާ ކްރެޑިޓް ގޯލްޑް ކާޑާ އެކު އަލަށް ތައާރަފްކުރި ކާޑުތައް މިއަދުން ފެށިގެން ދޫކުރާނެ އެވެ.