ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގެ ކޯޗިންގ ޕާޓްނަރެއް ކަމަށްވާ ސާއިދު ސްޕޯޓްސްއާއެކު ކުޑަކުދިންނަށް ހާއްސަ ރަނިން ކްލިނިކެއް ބޭއްވުމަށް ދިރާގުން ނިންމައިފި އެވެ.

ޑީއެމްއާރްއާރްގެ 13 އަހަރުން ދަށް އަދި 13 އަހަރުން މަތީގެ ސްކޫލް 5K ކެޓެގަރީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މި ރަނިން ކްލިނިކް ކުރިއަށް ދާނީ އަންނަ އާދިއްތަ ދުވަހުގެ ހަވީރު 4:30 އިން 5:45 އަށް މާލޭ ރަނިން ޓްރެކްގަ އެވެ. މި ރަނިން ކްލިނިކްގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް http://bit.ly/3QjGxuB މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މި ރަނިން ކްލިނިކުން ދަރިވަރުންނަށް ސާއިދު ސްޕޯޓްސް އާއި ދިރާގު ބްރޭންޑް އެމްބެސެޑަރ އަދި ރާއްޖޭގެ އެންމެ ހަލުވި ދުވުންތެރިޔާ ކަމަށްވާ ހަސަން ސާއިދުގެ ފަރާތުން ކޯޗިންގ އިރުޝާދު ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ޑީ.އެމް.އާރް.އާރް 2023 ގެ މެޑިކަލް ޕާޓްނަރ، ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޚާއްސަ ސެގްމަންޓެއްވެސް ކުރިއަށްދާނެ އެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ޑރ. އިބްރާހިމް އިޔާޒު ދުވުމާއި ސިއްހަތާ ގުޅޭ ގޮތުން ތަފާތު ޓިޕްސް ބައިވެރިންނަށް ކިޔައިދޭނެ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުންކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޫބަރު 2023 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކްގަ އެވެ. 4000 އަށް ވުރެ ގިނަ ބައިވެރިންނާއެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތުވެސް ދުވުންތެރިންނަށް ލިބިގެންދާނެ އެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން5K އަދި 10K ދުވުންވެސް އޮންނާނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. އަދި މިއީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.