ށ. ނަލަންދޫގައި ރިސޯޓު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އަލުން ބީލަމަށް ލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ނަލަންދޫގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހު ވާޗުއަލްކޮށް، ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އަންނަ މަހުގެ 6 ވަނަ ދުވަހުގެ 10 ޖެހުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރެޓީގެ ގޮތުގައި 10،000،000 ޑޮލަރު ހުށަށަހަޅަން ޖެހޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ބޮޑު މިނުގައި 63.99 ހެކްޓަރު ހުންނަ ނަލަންދޫގައި ރިސޯޓެއް ހަދަން ކުއްޔަށް ދޫކުރަން ނިންމީ 50 އަހަރަށެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓު ތަރައްގީ ކުރުމުގެ މަރުހަލާގައި ކޮންސްޓްރަކްޝަން ޕީރިއަޑުގެ ގޮތުގައި 36 މަސް ދުވަސް ލިބޭނެ ކަމަށެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ނަލަންދޫގައި ރިސޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރަން މީގެކުރިން ހުޅުވާލުމުން ކުރިމަތިލި ފަރާތް ޑިސްކޮލިފައިވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެ އެވެ.