މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް 360 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު ތިން އިންސައްތަ ވަނީ އިތުރުވެފަ އެވެ. ދެހާސް ބާވީސް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް 350 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު މި އަދަދުވަނީ 360 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ އިތުރުވި ނަމަވެސް އިމްޕޯޓް އަދި އެކްސްޕޯޓް ވެސް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައި ވަނީ 4.4 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހު މި އަދަދު ހުރީ 4.3 ބިލިއަނުގަ އެވެ. އެހެންކަމުން މިއީ ތިން އިންސައްތަ ދަށްވުމެކެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއިން 86 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކްސްޕޯޓް ކޮށްފައި ވަނީ 149 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 43 އިންސައްތަ ދަށްވުމެކެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރުންނެވެ. ސެޕްޓެމްބަރު މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލޭންޑް، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އިންޑިއާ އަދި ޖަރުމަނުވިލާތަށެވެ.