ކޮރަޕްޝަންގެ ހާއްޔަކަށްވެފައިވާ ފެނަކަ ކޯޕަރޭޝަނާ ގުޅޭ ކޮރަޕްޝަންގެ 75 މައްސަލައެއް ތަހުގީގުކުރަމުންދާއިރު، 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީސީ) އިން ބުނެފި އެވެ.

ދައުލަތުގެ އިދާރާތަކުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކުރާ އިދާރާއިން ބުނީ އެކޮމިޝަނުން ބަލަމުންދާ ފެނަކައިގެ 75 މައްސަލައިގެ ތެރޭގައި، ކުންފުނި ހިންގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ. އަދި ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭ ކަމަށް ވެސް އޭސީސީއިން ބުނެ އެވެ.

އެ ކޮމިޝަނުން ބުނީ މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން ތަހުގީގްކުރަމުންދާ މައްސަލަތަކާ ގުޅިގެން، 20،504،491.54 އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކިތައް މައްސަލައިގެ ފައިސާ ކަމެއް އޭސީސީން ނުބުނެ އެވެ.

އޭސީސީން ބުނީ ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރުމަށް، އަންގާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި އެ ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާހު ކުރުމަށާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުމާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 6 ކަމަކާއި، ކުންފުނިން ބަލައި ތަހުގީގުކުރުމަށް ހަ ކަމެއް ހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ.

މީގެ އިތުރުން ފެނަކަ ހިންގުމުގައި ކޮރަޕްޝަންގެ ރިސްކް ހުރި މިންވަރާއި، އެ ހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަހުގީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލާ، އެރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވެސް އޭސީސީން ބުނެ އެވެ.