އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފެށޭ ހަފުތާ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އަންނަ ހަފުތާ ތެރޭގައި މަޖިލީހަށް ބަޖެޓް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ބަޖެޓުގެ ޖުމްލަ އަދަދު ހާމަކުރައްވާނީ މަޖިލީހަށް ބަޖެޓު ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރު ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވެސް ވަނީ އަންނަ އަހަރަށް ހުށަހަޅާ ބަޖެޓް ގާނޫނުގައި ބުނާ ސުންގަޑީގެ ކުރިން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ކޮންމެ އަހަރަކު ވެސް އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅަ އެވެ. އެހެން ކަމުން މި މަސް ނިމުމުގެ ކުރިން ބަޖެޓް މަޖިލީހަށް ހުށަހަޅަންޖެހެ އެވެ.

ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާ ގޮތުން ބޭސްލައިން ޚަރަދާއ،ި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތް ކުރެވޭނެ އަދަދުތަކާއ،ި ބަޖެޓުގައި ހިމަނާ އާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރު ބަޖެޓު ހުންނާނެ ކަމަށް ލަފާކުރެވޭ މިންވަރާއި އަޅާބަލާއިރު 5.3 އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް އެރިޕޯޓްގައި ބުނެފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދަނީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ ކޮމިޓީއަކާ ގުޅިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.