މި ސަރުކާރުން ބަދަލުގެ ގޮތުގައި މިއަހަރު އެކި ފަރާތްތަކަށް 373 މިލިއަން ރުފިޔާ ދީފި އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި ސަރުކާރުން ވަނީ 373.8 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ބަދަލުގެ ގޮތުގައި ދޭން މިއަހަރުގެ ބަޖެޓުގައި ކަނޑައެޅީ 101.2 މިލިއަން ރުފިޔާ އެވެ.

ނަމަވެސް ބަޖެޓު ކުރި އަދަދަށް ވުރެ އިތުރަށް 272.6 މިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ވަނީ ސަރުކާރުން އެކި ފަރާތްތަކަށް ދީފަ އެވެ.

ބަދަލުގެ ގޮތުގައި މިދިޔަ އަހަރު ސަރުކާރުން 45 މިލިއަން ރުފިޔާ ދީފައިވާއިރު 2021 ވަނަ އަހަރު ބަދަލުގެ ގޮތުގައި 229.8 މިލިއަން ރުފިޔާ ދީފައިވާކަން އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ބަދަލުގެ ގޮތުގައި ދޭން ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ އިތުރަށް ދީފައިވާއިރު މިއަހަރަށް ކަނޑައެޅި ދައުލަތުގެ ޖުމްލަ ބަޖެޓަށް ވުރެ ހަރަދުތައް އިތުރުވެ ކުރިއަށް އޮތް ދެ މަސް ދުވަހަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓު ވަނީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފަ އެވެ.