މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 70 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މި އަހަރު މަދުވެފަ އެވެ. އެގޮތުން މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި 73 މިލިއަން ރުފިޔާ މީރާއަށް ވަނީ ލިބިފަ އެވެ. އަދި މީގެ އިތުރުން މި އަހަރުގެ އޮގަސްޓު މަހު 8.5 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވާއިރު ސެޕްޓެމްބަރު މަހު ލިބިފައި ވަނީ 2.8 މިލިއަން ރުފިޔާ އެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މި ވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 7،151.90 ރުފިޔާ އެވެ.