ރާއްޖޭގައި ފައިސާގެ މުއާމަލާތް ކުރަން އެންމެ ގިނަ ބަޔަކު މިހާރު ބޭނުންކުރާ މެތަޑަކީ ބޭންކް ޓްރާންސްފާ ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ ޕޭމަންޓްސް ބުލެޓިން ރިޕޯޓުގައި ވަނީ ރާއްޖޭގެ ޕޭމަންޓު ނިޒާމަށް ފާއިތުވި ހަތަރު އަހަރުގެ ތެރޭ އައިސްފައިވާ ބަދަލުތަކާއި، ފައިސާ ދެއްކުމުގައި ބޭންކުތަކުން ދޭ ތަފާތު ހިދުމަތްތައް އާއްމުން ހޯދާ މިންވަރުގެ ތަފާސް ހިސާބުތައް ހިމަނައިފަ އެވެ.

އެ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު އެކަނިވެސް ޓްރާންސްފާ މެދުވެރިކޮށް ޖުމްލަ 88.86 މިލިއަން ޓްރާންސެކްޝަން ވަނީ ހިންގައިފަ އެވެ. އެއީ މުޅި އަހަރު ހިންގާފައިވާ ޓްރާންސެކްޝަންތަކުގެ 60 ޕަސެންޓެވެ. އަދި ފައިސާގެ އަދަދުން ބަލާއިރު 563.1 މިލިއަން ރުފިޔާ އެވެ.

ޓްރާންސްފާ މުއާމަލާތްތަކުގެ %95 އަކީ އިންޓަނެޓް ބޭންކިން ނުވަތަ ބޭންކްތަކުގެ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ހަދާފައިވާ ޓްރާންސެކްޝަންތަކެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ބީއެމްއެލްގެ އިންޓަނެޓް ބޭންކިން މީހަކު ބޭނުންކުރަނީ. ފޮޓޯ: ބީއެމްއެލް

މުއާމަލާތަށް ޓްރާންސްފާ ބޭނުންކުރާ މީހުން އިތުރުވެފައިވަނީ ކޮވިޑާ އެކު އެޅި ރައްކާތެރި ފިޔަވަޅުތަކުގެ ތެރެއިން ވިޔަފާރިތަކުން އޮންލައިންކޮށް ޕޭމަންޓްތައް ހެދޭ ގޮތަށް ބަދަލު ގެނައުމުވެ. އެއާއެކެ ޓްރާންސްފާގެ ހިދުމަތުގެ ފަސޭހަކަމާއި މަގުބޫލުކަން އަހަރެއް އަހަރަކަށް އިތުރުވެ އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން ގޮސް އެންމެ ބޮޑެތި ވިޔަފާރިތަކަށް ވެސް ޓްރާންސްފާ ކޮށްލައިގެން ފައިސާ ދެއްކޭގޮތަށް މިހާރު ވަނީ ބަދަލުވެފަ އެވެ.

ޓްރާންސްފާގެ ހިދުމަތް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނައިރު އަދިވެސް ދެވަނަ އަށް އެންމެ ގިނައިން މުއާމަލާތްތައް ކުރަނީ ބޭންކު ކާޑު ބޭނުންކޮށްގެންނެވެ. އަދި ޗެކާއި ނަގުދު ފައިސާ ބޭނުންކޮށްގެން މުއާމަލާތްތައް ހިންގާ ވަރު އަހަރެއް އަހަރަށް ދަނީ ދަށްވަމުންނެވެ.

މީހަކު ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއިން ޑޮލަރު ނަގަނީ. ފޮޓޯ: ބީއެމްއެލް

މީގެ އިތުރުން މި ރިޕޯޓްގައި ވަނީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވި އަދަދުގެ ތަފާސް ހިސާބުތައް ވެސް ހިމަނައިފަ އެވެ. އެގޮތުން ބޭންކުތަކުގެ އިތުރުން ރާއްޖޭގެ ދެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވެ އެވެ.

އެމްއެމްއޭއިން ހާމަކުރާގޮތުގައި 2020 ވަނަ އަހަރު ރެމިޓެންސްގެ ހިދުމަތަށް އޮތް ޑިމާންޑު ބޮޑުވެގެން ދިޔަ ނަމަވެސް 2019 އިން 2022 ވަނަ އަހަރާ ހަމައަށް މި ހިދުމަތަށް އޮތް ޑިމާންޑު ވަނީ 35 އިންސައްތަ ދަށްވެފަ އެވެ. މިއީ ފައިސާގެ އަދަދުން ބަލާނަމަ 80 މިލިއަން ޑޮލަރުން 52 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

މިދިޔަ އަހަރުތެރޭ ރެމިޓެންސްގެ ގޮތުގައި ރާއްޖެ އިން 49 މިލިއަން ޑޮލަރު ވަނީ އެކި ޤައުމުތަކަށް ފޮނުވައިފަ އެވެ.

ވެސްޓަން ޔޫނިއަން.. ފޮޓޯ: މިހާރު

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ ރާއްޖޭގައި ދިރިއުޅޭ ބޭރުގައުމުތަކުގެ މީހުންގެ ތެރެއިން ރެމިޓެންސްގެ ހިދުމަތް އެންމެ ގިނައިން ހޯދާފައިވަނީ ބަންގްލަދޭޝް، ނޭޕާލް އަދި ފިލިޕީންސް އަށް ނިސްބަތްވާ މީހުންނެވެ. އަދި ދިވެހިން އެންމެ ގިނައިން ފައިސާ ފޮނުވާފައި ވަނީ އިންޑިއާ، ފިލިޕީންސް އަދި ތައިލޭންޑަށެވެ.