މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު، 13.4 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައި ވަނީ ރަޝިއާ ފަތުރުވެރިންނެވެ. އަދި މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާ އިންނެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތައް:

  1. ރަޝިއާ – 172،472 ފަތުރުވެރިން
  2. އިންޑިއާ – 163،513 ފަތުރުވެރިން
  3. ޗައިނާ – 163،036 ފަތުރުވެރިން
  4. އިނގިރޭސިވިލާތް – 121،166

ސަރުކާރުން މި އަހަރަށް ކަނޑައެޅި އަމާޒަކީ 1.8 މިލިއަން ފަތުރުވެރިންނެވެ. މިހާރު ރާއްޖެ އަށް އެވްރެޖްކޮށް ކޮންމެ ދުވަހު 5000 ފަތުރުވެރިން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، މި އަހަރުގެ އަމާޒު ޑިސެމްބަރު މަހުގެތެރޭ ހާސިލްވާނެ ކަމަށް ލަފާކުރެ އެވެ.

މިދިޔަ އަހަރު ސަރުކާރުން ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު އަހަރު ނިމުމުގެ 10 ދުވަސް ކުރިން ވަނީ ހާސިލްކޮށްފަ އެވެ.