އެސްޓީއޯގެ ތިންވަނަ ކުއާޓާގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު ސާފު ފައިދާގެ ގޮތުގައި 271 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯގެ ތިންވަނަ ކުއާޓާގެ ތަފާސް ހިސާބުތައް މިހާރު އާންމުކޮށްފައިވާއިރު، މި ކުއާޓާގައި ކުންފުންޏަށް 4.1 ބިލިއަން ރުފިޔާގެ އާމްދަނާއެއް ވަނީ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓާރާ އަޅާ ބަލައިއިރު ނުވަ އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތިންވަނަ ކުއާޓާގައި އެސްޓީއޯ އިން ވިއްކި ތެލުގެ އަގު އޭގެ ކުރީ ކުއާޓާއާއި އަޅާބަލައި އިތުރުވެފައިވުމެވެ.

އާމްދަނީ އިތުރުވެފައި ވީނަމަވެސް، ޖުމްލަ ފައިދާގެ ގޮތުގައި ތިންވަނަ ކުއާޓާރގައި ލިބިފައިވަނީ 760 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލައި 5 އިންސައްތައިގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިކުއާޓާގައި މަތިވިކަމުގައިވީ ނަމަވެސް އެސްޓީއޯއިން ވިއްކަމުން ދިޔަ ތެލުގެ އަގު އެނިސްބަތުން ބަދަލު ގެނެސްފައިނުވުމާއިއެކު އެސްޓީއޯގެ ޖުމްލަ ފައިދާ ދަށްވުމެވެ. ކުންފުނީގެ ޖުމްލަ ފައިދާ ދަށްވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 390 މިލިއަން ރުފިޔާ ލިބިފަ އެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓާގެ ސާފު ފައިދާއަކީ 331 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓާގެ ސާފުފައިދާގެ ގޮތުގައި ވަނީ 271 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ ކުއާޓާއާއި އަޅާބަލައިއިރު 10 އިންސައްތައިގެ ދަށްވުމެކެވެ. ތިންވަނަ ކުއާޓާގައި އޭގެ ކުރީ ކުއާޓާއާއި އަޅާބަލައި ފައިދާ ދަށްވި ކަމުގައިވިޔަސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށްވަނީ ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 942 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މިތާރީހާއި އަޅާބަލާއިރު 469 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.