ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ހަފްލާއެއް ބާއްވައިފި އެވެ.

މި ހާއްސަ ހަފްލާގައި ބޭންކަށް 15 ،20 ،25، 30، 35 އަދި 40 އަހަރު ހިދުމަތްކޮށްފައިވާ 64 މުވައްޒަފުންނަށް ވަނީ އެވޯޑް ދީފަ އެވެ.

ސާޅީސް އަހަރުގެ ދިގު މުއްދަތެއްގައި ބޭންކަށް ހިދުމަތްކޮށްފައިވާތީ ހެޑް އޮފް އިންޓާނަލް އޮޑިޓް ފާތިމަތު ރަޝީދާއަށް ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ. މީގެ އިތުރުން 35 އަހަރުގެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައިވާތީ ހެޑް އޮފް ބްރާންޗަސް އެންޑް ސާވިސް ސެންޓާސް ހުސައިން ރަޝީދު، އޮޑިޓް މެނޭޖަރު އައިމިނަތު ހަސަން އަދި ޑެޕިއުޓީ ސީނިއާ އޮފިސަރު އައިމިނަތު ނަސީރުގެ ހިދުމަތް ވެސް މި ހަފްލާގައި ވަނީ ހާއްސަ ގޮތެއްގައި ފާހަގަކޮށްފަ އެވެ.

ބީއެމްއެލްއަށް ދިގު މުައްދަތަކަށް ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ބީއެމްއެލް

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުގެ ސްޓްރެޓަޖީގައި އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ބޭންކުގެ އެޗްއާރު ޕޮލިސީތަކަކީ ވަޒީފާ ދިނުމާއި ތަމްރީން ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުން އެންމެ މަތީ ފެންވަރުގައި ހިންގުމަށް ބާރުއަޅާ ސިޔާސަތުތަކެކެވެ.

ރޭ ބޭއްވި ލޯންގް ސަވިސް އެވޯޑަކީ ބޭންކުގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭންކުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މި އަހަރުގެ އޯގަސްޓް މަހު ބޭންކުން ވަނީ ވަޒީފާ އަދާކުރުމުގައި އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން ކޮންމެ އަހަރަކު ކުރިޔަށްގެންދާ ސްޓާފް އެވޯޑް ބާއްވައިފަ އެވެ.