އަމީނީމަގުގެ ދެކުނުގައިވާ މަގުތަކާއި ގޯޅިތަކުގައިވާ ޕާކިންޒޯންތަކުން 292 ސްލޮޓް ވިއްކަން ހުޅުވާލަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ މާލެއަށް ދިމާވެފައިވާ އެއްގަމު އުޅަނދުފަހަރު ޕާކްކުރުމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ހަތަރުފުރޮޅުލީ އުޅަނދުތަކުގެ ތެރެއިން ކާރާއި 350 ކިލޯއިން ފެށިގެން ދަށުގެ ޕިކަޕުތަކަށް މިފަހަރު އަމީނީމަގުގެ ދެކުނުގައިވާ ޕާކިންޒޯންތަކުން ވިއްކުމަށް ކަނޑައެޅިފައިވަނީ 292 ޖާގަ ކަމަށެވެ. އަދި 13 ގޯޅި އާއި މަގަކުން ދޫކުރުމަށް ހަމަޖެހިފައިވާ އެ ޖާގަތައް ދޫކުރުމަށް ނިންމާފައިފަނީ ތަބުރޭޒީ ހިނގުމާއި، ފަޅުމަތީމަގާއި، މާނިފާ ހިނގުމާއި، ދޮންއަދަރާދަ ހިނގުމާއި، ކޮއިމަލާ ހިނގުމާއި، ރެހެންދި ހިންގުމާއި، ރަށްދެބައި ހިނގުމާއި، އާމިނާރަނި ހިނގުމާއި، ވައިދެރި ހިނގުމާއި، މާފަތްކިލެގެފާނު ހިނގުމާއި، ހުދުފަޅު ހިނގުމާއި، ހިލާލީމަގާއި، އުޖާލާ ހިނގުމުންނެވެ. އަދި މިއިން ކޮންމެ ސްލޮޓެއްގެ އަގަކީ މަހަކު 1،500 ރުފިޔާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި ޕާކިންސްލޮޓް ދޫކުރުމަށް ހަަމަޖެހިފައިވަނީ ސިޓީ ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށެވެ. އަދި ޕާކިން ސްލޮޓް ގަނެވޭނީ ސްލޮޓް ވިއްކުމަށް ހުޅުވާލާ ފުރުސަތުގައި، ސްލޮޓްތައް ހުސްވަންދެނެވެ. އަދި އެ އުޅަނދަކަށް ހަމަޖެހޭ ޕާކިން ސްލޮޓްގައި ޕާކްކުރެވޭނީ ހަމައެނި އެ އުޅަނދެއް ކަމަށާއި އެހެން އުޅަނދެއް އެސްލޮޓްގައި ޕާކްކުރުމަކީ މަނާކަމެއް ކަމަށް މާލޭ ކައުންސިލުން ބުނެފައިވެ އެވެ.

ސިޓީ ކައުންސިލުން ދޫކުރާ ޕާކިން ސްލޮޓަށް އޮންލައިންކޮށް "ޕާކިން ޕޯޓަލް" މެދުވެރިކޮށް ހުށަހަޅާއިރު ރޯޑްވާދިނަސް، އަހަރީ ފީގެ ލިޔެކިޔުންތައް، އަދި އިންޝުއަރެންސްގެ ލިޔުންތައް ހިމަނަންޖެހެ އެވެ. އަދި އުޅަނދުގެ ވެރިފަރާތް ނޫން އެހެން ފަރާތަކުން ޕާކިން ސްލޮޓަށް އެދި ހުށަހަޅާނަމަ ޕަވާ އޮފް އެޓާނީގެ ލިޔުން ނުވަަތަ އެއްބަސްވުމުގެ ލިޔުން ހުށަހަޅަންވާނެ އެވެ.

ސިޓީ ކައުންސިލްގެ ވެބްސައިޓާ ގުޅާލެވިފައިވާ ޕާކިންގް ޕޯޓަލް މެދުވެރިކޮށް ޕާކިންގް ސްލޮޓް ގަތުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު 1:00ން ފެށިގެން ޖާގަ ހުސްވަން ދެންނެވެ. ނަމަވެސް މިހާރުއްސުރެ ޕާކިން ޕޯޓަލްގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ހުޅަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި ފުރިހަމަކުރަންޖެހޭ މައުލޫމާތުގެ ތަފްސީލް ޕޯޓަލްގައި ހިމެނިފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި ބައެއް ސަރަހައްދުތަކުގައި ވަކިވަގުތަކަށް ޕާކްކުރުމަށް ބޭނުންވާ ފަރާތްތަކަށް "ޓައިމް ޕާކިންގް" ސްލޮޓްތަކެއް ދޫކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.