އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ހާސިލްކޮށްފި އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި އިފްސާ (IFFSA) އެވޯޑު ހަފުލާގައި އަޔާދީ ތަކާފުލްއިން ވަނީ "ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔާ" ކެޓަގަރީއިން ގޯލްޑް އެވޯޑް، ހާސިލުކޮށްފަ އެވެ. އަދި މިއީ އަޔާދީ ތަކާފުލްއިން މި އެވޯޑެ ވިދިވިދިގެން ހާސިލުކުރި 5 ވަނަ ފަހަރެވެ.

ސްރީލަންކާގެ އެޑިއު ކޮންސަލްޓުން އިންތިޒާމް ކުރާ އިފްސާ (IFFSA) އެވޯޑް ހަފުލާއަކީ ސައުތު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސް ދާއިރާ ފުޅާކޮށް، ހިދުމަތްދިނުމުގައި މުޖްތަމައުއަށް ފައިދާ ކުރުވަނިވި އީޖާދީ ވިސްނުން ތައާރަފުކުރާ ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އަހަރީ އެވޯޑެކެވެ.

އިފްސާ (IFFSA) އެވޯޑު ސީރީޒްގައި އަޔާދީ ތަކާފުލްއިން ވަނީ މިހާތަނަށް ގިނަ އަދަދެއްގެ އެވޯޑު ހާސިލުކޮށްފައެވެ. އެގޮތުން 2017 ވަނަ އަހަރު ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، "ހައްޖު އަދި އުމްރާ ތަކާފުލް" އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔަރ" އާއި 2021 ވަނަ އަހަރު "އަހަރެންގެ ހިޔާ" އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔަރ" ސިލްވަރ އެވޯޑު އަދި އޭގެ އިތުރުން 2018، 2019، 2020، 2021 އަދި 2022 ވަނަ އަހަރު "ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔަރ" އިން ލިބިފައިވާ ގޯލްޑް އެވޯޑު ފާހަގަކޮށްލެވެ އެވެ.