ގަވާއިދުން ކުލި ދެއްކި ހަތަރު މީހަކަށް އާބަންކޯ އިން އުމްރާ ދަތުރެއް ދީފި އެވެ.

މިއަދު ގުރުއަތު ނަގާފައި ވަނީ އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި މީހުންނާއި ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި މީހުންގެ މެދުގަ އެވެ.

ހަމަ މިއާއެކު މި ޕްރޮމޯޝަން ނިންމާލުމުގެ ގޮތުން އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ޖެނުއަރީ 2024 ގައި ކުރިއަށްގެންދެވޭނެ ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.

"ޕޭ އެންޑް ވިން" އަކީ އާބަންކޯއިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ލިބިފައިވާ މީހުންނަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވެނި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކާ އަދި އެއްވެސް އޯވަޑިއުއެއް ނެތް މީހުންނަށެވެ. އެގޮތުން ގަވާއިދުން ކުލިދައްކާ މީހުންގެ މެދުގައި ކޮންމެ ތިން މަހަކުން ގުރުއަތު ނަގައި ހޮވޭ މީހަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ލިބޭނެވެ.

ބައެއް ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި އެކި ހާލަތްތަކުގެ ސަބަބުން ނުދެއްކި އޯވަޑިއު ވެފައިވާކަން އެ ކޯޕަރޭޝަނަށް ފާހަގަވެފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ.

އެ ކޯޕަރޭޝަނުން މަސައްކަތްކުރަނީ މިފަދަ ލަކީޑްރޯއެއް ކުރިއަށް ގެންދެވޭ އިރު ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ފަހިކޮށްދިނުމަށެވެ. އެހެންކަމުން ކުލި ދެއްކުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ މަގެއް ވާނީ ފަހިކޮށްދީފަ އެވެ. އެގޮތުން ޖެހިޖެހިގެން ހަ މަސް ވަންދެން ގަވާއިދުން ކުލި ދައްކައިފި ނަމަ މި ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ. އެ ކޯޕަރޭޝަންގެ މަގްސަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް މި ފުރުސަތު ހޯދައިދީ، ގަވާއިދުން ކުލި ދެއްކުމަށް ބާރުއެޅުން ކަމަށް އާބަންކޯއިން ބުންޏެވެ. އެހެންކަމުން، އެކި ސަބަބުތަކާއި ހެދި ފައިސާ ނުދެއްކިފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޕޭމަންޓް ޕްލޭންއަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދެވިފަ އެވެ.