ހަތަރު ރަށެއްގެ އެއާޕޯޓް ތަރައްގީކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިފަހަރު އެއާޕޯޓު ހެދުމަށް ހުޅުވާލީ ހދ. މަކުނުދު، ށ. ބިލަތްފަހި ބ. ތުޅާދޫ، އަދި ތ. ވިލުފުށީގަ އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ އެ ހަތަރު ރަށުގައި އެއާޕޯޓް ހެދުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައިވާ ގޮތުން އީއޯއައި ހުޅަހަޅާއިރު ލޮޓަކަށް ނުވަތަ އެއައް ވުރެ ގިނަ ލޮޓަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެބައޮތެވެ.

އެ އިއުލާނުގައި ވަނީ އެ މަސައްކަތާ ގުޅޭ ޓާމްސް އޮފް ރެފެރެންސް (ޓީއޯއާރު)، މިމަހުގެ 31ން ފެށިގެން މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ. އަދި މި ޕްރޮޖެކްޓްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަވެޅުމަށް ދައުވަތު ދެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ އަދި އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ގަވާއިދުގެ ދަށުން ފުރިހަމަވާންޖެހޭ ހުރިހާ ޝަރުތުތައް ފުރިހަމަވޭތޯ ޔަގީންކުރުމަށް އިލްތިމާސްކޮށްފަ އެވެ.

މި މަސައްކަތަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު 15 ފެބްރުއަރީގެ ނިޔަލަށް ވަނީ ހުޅުވާލެވިފަ އެވެ.