ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 7،000 ހައުސިން ޔުނިޓަށް ކަރަންޓް ނެޓްވޯކު އެޅުމުގެ މަސައްކަތް ތިންމަސް ތެރޭގައި ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކު އެޅުމުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައި ވަނީ ޗައިނާގެ ސީއެމްއީސީ ކިޔާ ކުންފުންޏަކާ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ހުރިހާ"އަށް ވިދާޅުވީ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ޑިޒައިންކުރުމާއި ކޭބަލް އެޅުމުގެ ޕްރޮޖެކްޓް ޗައިނާ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ސެކަންޑްފޭސްއަށް ކަރަންޓުގެ ހިދުމަތް ދިނުމާއި ގުޅޭގޮތުން އެޗްޑީސީގެ އިސްވެރިންނާއި ސްޓެލްކޯގެ އިސްވެރިން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން. މި ބައްދަލުވުމުގައި އެމްޑަބްލިއުއެސްސީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައި. ފޮޓޯ: ސްޓެލްކޯ

"ފޭސް ޓޫގެ ކަރަންޓު ނެޓްވޯކް ޕްރޮޖެކްޓަކީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. ނަމަވެސް އަޅުގަނޑުމެން މިވަގުތު އިސްކަންދެނީ ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން،" ސުހައިލް ވިދާޅުވި އެވެ. "އެ މަސައްކަތް ތިން މަސް ތެރޭގައި ނިންމާނެ."

އޭނާ ވިދާޅުވީ ސްޓެލްކޯ އިން ނެޓްވޯކް އަޅާނީ ފޭސް އެކެއްގެ އިންޖީނުގެއިން ފޭސްޓޫއަށް އެކަނި ކަމަށެވެ. އަދި އެތެރޭގެ ކޭބަލްތައް އަޅައި ސްޓެލްކޯގެ ނެޓްވޯކާ ގުޅާލާނީ ޗައިނާ ކުންފުނިން ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ފްލެޓްތައް. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށަން ވާއިރަށް ސްޓެލްކޯގެ ދާއިމީ ކަރަންޓް ދޭން. އެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ކަރަންޓު ދިނުމަށް ފޭސް އެކެއްގެ އިންޖީނުގެއިން ކޭބަލް އެޅުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

"ނިސްބަތުން ވަރަށް ކުޑަ ކަމެއް އަޅުގަނޑުމެން ކުރަން މިޖެހެނީ. އެ މަސައްކަތް އަޅުގަނޑުމެންނާ އެޗްޑީސީން ހަވާލުކުރީ މިމަހު،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ސެކަންޑްފޭސްއަށް ކަރަންޓުގެ ހިދުމަތް ދިނުމާއި ގުޅޭގޮތުން އެޗްޑީސީގެ އިސްވެރިންނާއި ސްޓެލްކޯގެ އިސްވެރިން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން. މި ބައްދަލުވުމުގައި އެމްޑަބްލިއުއެސްސީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައި. ފޮޓޯ: ސްޓެލްކޯ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 7،000 ހައުސިން ޔުނިޓަށް ނަރުދަމާ ގުޅުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު ފަށައިފަ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެމްޑަބްލިއުއެސްސީން ބުނީ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހައުސިން ޔުނިޓްތަކަށް ނަރުދަމާ ގުޅުމުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހު ނިމޭނެ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމިތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ނަމަވެސް އެތަނުގެ އެޕާޓްމަންޓްތައް ދޭނެ ފަރާތްތައް ކަނޑައަޅައި ނުނިމެ އެވެ.