ދިރާގަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާ ގޮތުގައި 217 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދިރާގުން އާންމުކޮށްފައިވާ ތިން ވަނަ ކުއާޓަރުގެ މާލީ ރިޕޯޓްގައިވާ ގޮތުން މި ކުއާޓަރުގައި 653 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މިއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު، ދެ ޕަސެންޓްގެ ކުރިއެރުމެކެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބުނު 640 މިލިއަން ރުފިޔާ އެވެ.

ދިރާގުން ތިން ވަނަ ކުއާޓަރުގައި ހިންގުމުގެ ހަރަދަށް 276 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ދިރާގަށް ވަނީ 217 މިލިއަން ރުފިޔާ ލިބިފަ އެވެ. މި އަދަދަކީ މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނު 227 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު ފަސް އިންސައްތަ ދަށް އަދަދެކެވެ. ދިރާގަށް ލިބުނު ފައިދާގެ އަދަދު ދަށަށް ދިޔައީ ތިންވަނަ ކުއާޓަރުގައި ކުންފުނި ހިންގުމުގެ ޚަރަދު އިތުރުވުމުންކަމަށް ދިރާގުން ފާހަގަކުރެ އެވެ.

ދިރާގުން އާއްމުކޮށްފައިވާ މި އަހަރުގެ ތިން ވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާ ގޮތުން މޯބައިލް ހިދުމަތްތަކަށް ވަނީ 340 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރގައި މޯބައިލް ހިދުމަތްތަކުން ލިބިފައިވަނީ 327 މިލިއަން ރުފިޔާ އެވެ.

ފިކްސް ބްރޯޑްބޭންޑު ހިދުމަތުން ލިބުނު އާމްދަނީއަށް ވެސް ތިން ވަނަ ކުއާޓަރުގައިވަނީ ކުރިއެރުން ލިބިފަ އެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ތިން ވަނަ ކުއާޓަރުގައި ފިކްސްޑު ބްރޯޑްބޭންޑު ހިދުމަތްތަކުން 293.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެވަނަ ކުއާޓަރުގައި ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 289.2 މިލިއަން ރުފިޔާ އެވެ.