އެއް ބޭންކު އަނެއް ބޭންކަށް ފޮނުވާ ފައިސާ ވަގުތުން ޖަމާވާ ފަސޭހައާ އެކު މަރުކަޒީ ބޭންކް، އެމްއެމްއޭއިން ތައާރަފްކުރި "ފަވަރަ" އިންޓަނެޓް ޕޭމަންޓް ސިސްޓަމާ އިތުރު ދެ ބޭންކެއް ގުޅިއްޖެ އެވެ.

މިިދިޔަ އޮގަސްޓުގައި އެ ސިސްޓަމް ތައާރަފްކުރީއިރު އެ ޕޭމަންޓް ސިސްޓަމާ ތިން ބޭންކެއް ވަނީ ގުޅިފަ އެވެ.

ފަވަރައާ ގުޅުނު ތިން ބޭންކު

  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
  • ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)

އެމްއެމްއޭއިން މިއަދު ބުނި ގޮތުގައި 'ފަވަރަ'އާ މިއަދު ވަނީ އިތުރު ދެ ބޭންކެއް އަލަށް ގުޅިފަ އެވެ. އެއީ ބޭންކް އޮފް ސިލޯން (ބީއޯސީ) އާއި މޮރިސަޝް ކޮމާޝަލް ބޭންކް (އެމްސީބީ) އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މިއަދު ސޮއިކުރި އެއްބަސްވުމާ އެކު އަންނަ ބުދަ ދުވަހުން ފެށިގެން 'ފަވަރަ'އިގެ ޕައިލޮޓް ޓެސްޓިންތައް އެ ބޭންކުތަކުން ފަށާނެ އެވެ.

"ފަވަރަ" މެދުވެރިކޮށް އެއް ފަހަރާ އެންމެ ގިނައިން ފޮނުވޭނީ 50،000ރ. އެވެ. އަދި ފަވަރަ ރިކުއެސްޓް މެދުވެރިކޮށް 5،000ރ. އާ ހަމައަށް ފައިސާ ފޮނުވޭނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.