މަސްވެރިން އަތުން މަސް ގަންނަ އަގު ކުޑަކުރުމަށް ނިންމާފައިނުވާ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން މިހެން ބުނެފައި ވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް މަސް ގަންނަ އަގު ބޮޑު ކުރުމަށްފަހު ގެއްލުންވާތީ މަސް ގަންނަ އަގު ކުޑަ ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާގައި ރިޕޯޓްކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

މިފްކޯއިން ބުނީ މިހާރު ވެސް އެކުންފުނިން މަސް ގަންނަމުން އަންނަނީ 25 ރުފިޔާ އަށް ކަމަށެވެ. އަދި މިއަގު ބަދަލުކުރުމަށް ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ވެސް ނުކުރާ ކަމަށް އެކުންފުނިން ބުނެ އެވެ.

މިފްކޯއިން ބުނީ މަހުގެ އަގު ކުޑަކުރަން އެއްވެސް ވަރަކަށް ވިސްނުމެއް ނުގެންގުޅޭކަމުގެ ޔަގީންކަން މަސްވެރިންނަށް އަރުވާ ކަމަށެވެ.

"އަދި މިއާއެކު މަސް ކިރައި އަގު ނުދެވި ހުރި ހުރިހާ ފައިސާއެއް މަސްވެރިންނަށް ދައްކައި ހަލާސް ކުރުމަށް ކުރަންޖެހޭ މަސައްކަތް މިދަނީ ގުޅުންހުރި ފަރާތްތަކާއި އެކު ކުރަމުންނެވެ. ކުންފުނިން މަސްވެރިންނަށްދޭން ބޭނުންވާ ޔަގީންކަމަކީ މަސްވެރިން އަތުން ގަނެފައިވާ މަހަށް ބަރާބަރަށް ފައިސާ ދައްކަމުން ގެންދާނެކަމެވެ." މިފްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މިފޯކޯއިން ބުނީ މިދުވަސް ވަރަކީ ރާއްޖޭގެ މަސްވެރިކަން ރަގަޅު ދުވަސްވަރެއް ކަމަށާއި ދުވާލަކު އެވްރެޖުކޮށް 450 ޓަންއަށްވުރެ ގިނަމަސް ކޮންމެ ދުވަހަކުވެސް މިފްކޯގެ ސެންޓަރުތަކާއި ބޯޓުތަކަށް ގަންނަމުން ގެންދާ ކަމަށެވެ.

މިފްކޯ އަށް މަސް ކިލޯއެއް 17 ރުފިޔާއަށް ގަންނަމުން ދަނިކޮށް މިދިޔަ ސެޕްޓެމްބަރުގެ ތެރޭގައި އެ އަގު 25 ރުފިޔާއަށް ސަރުކާރުން ބޮޑު ކުރީ ރާއްޖެއިން ޔޫރަޕްގެ މާކެޓަށް ވިއްކާ މަހުން ނަގާ 22 ޕަސެންޓްގެ ޓެކްސް ކަނޑާލުމާ ގުޅޭ މަޝްވަރާތައް ޕޮޒިޓިވްކޮށް ކުރިއަށްދާ ކަމަށް ބުނުމަށްފަހު އެވެ.

މިފްކޯއިން މިހެން ބުނެފައިވީ ނަމަވެސް އެކުންފުނީގެ އެމްޑީ އިސްމާއީލް ފައުޒީ އާއި ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވަނީ މަހުގެ އަގު މިވަގުތު ބާޒާރުގައި ހުރި ގޮތަށް ބަލާއިރު އެ ކުންފުނިން މަސް ގަންނަ އަގު ކުޑަ ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.