ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ ސާފު ފައިދާ 60 ޕަސެންޓަށް ވުރެ ދަށަށް ހިނގައްޖެ އެވެ.

އެ ބޭންކުން ބުނިގޮތުގައި އޮޑިޓް ނުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން މުޅި އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 329.6 މިލިއަން ރުފިޔާ ކަމަށެވެ. އެއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 60 ޕަސެންޓަށް ވުރެ ދަށް އަދަދެއް ކަމަށެވެ.

އެ ހިސާބުތައް ދައްކާ ގޮތުން އެ ބޭންކަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 2.6 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންޓަރެސްޓުންނެވެ. އެގޮތުން އިންޓަރެސްޓް އިންކަމްގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ އަދި ފީ އާއި ކޮމިޝަންގެ ގޮތުގައި 680.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ބީއެމްއެލް އިން ބުނީ މިދިޔަ އަހަރު އެ ބޭންކަށް އެހާ ބޮޑު ގެއްލުމަކާ ކުރިމަތިވީ ކޮވިޑާ ގުޅިގެން ވިޔަފާރިއަށް ދިމާވި ގޮންޖެހުންތަކާ ގުޅިގެން ކަމަށެވެ.

މިދިޔަ އަހަރުގެ ސާފު ފައިދާ ދަށަށް ދިޔައިރު، ޕްރޮވިޝަންގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ އުނިކޮށްފައިވެ އެވެ.

ބީއެމްއެލް އިން ބުނީ ކޮވިޑްގެ ދަތި ހާލަތުގައި އެ ބޭންކުން ބޭންކުގެ ހިދުމަތް ދެމުން ގެންދިޔަ ކަމަށާއި ލޯންތައް ދެއްކުން ފަސްކުރުމަށް މޮރޮޓޯރިއަމްދީ، ވިޔަފާރިތަކަށް ވެސް އެހީތެރިވި ކަމަށެވެ. މިގޮތުން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އަދި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ އެހީގައި ކޮވިޑް 19 ލޯން ސްކީމްގެ ހިންގައި، ކޮވިޑް ރިކަވަރީ ލޯން ސްކީމާއެކު ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން ކޮވިޑް-19 ރިކަވަރީ ލޯން ސްކީމްގެ ދަށުން މިހާތަނަށް 585.9 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ފަހު ކުއާޓަރުގައި ވެސް 326.4 މިލިއަން ރުފިޔާގެ ގެއްލުމެއް

ބީއެމްއެލްއަށް މިދިޔަ ކުއާޓަރުގައި 326.4 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ބޭންކަށް އާމްދަނީގެ ގޮތުގައި 728.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިގޮތުން އިންޓަރެސްޓުން އާމްދަނީގެ ގޮތުގައި 488.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ފީތަކާއި ކޮމިޝަންތަކުން 219.5 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ޕްރޮވިޝަނަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 376.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ޕްރޮވިޝަނަށް 824.4 މިލިއަން ރުފިޔާ ކަނޑާފައިވެ އެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި ވެސް 121 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.