ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2023 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުން ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީނު ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

އެގޮތުން މި ޕްރޮގްރާމުގެ ދަށުން ދިރާގުގެ އެޑްމިނިސްޓްރޭޝަން، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، ކޯޕަރޭޓް ސާވިސަސް، ޑިޕްލޮއިމަންޓް ސަޕޯޓް ސާވިސަސް، ފައިނޭންޝަލް އެކައުންޓިން، ހިއުމަން ރިސޯސަސް، ނެޓްވޯކް އޮޕަރޭޝަންސް، ޕްރޮޑަކްޓް އެންޑް ސޮލިއުޝަން ޑިވެލޮޕްމަންޓް، ރެވެނިއު އެޝުއަރެންސް އެންޑް ބިޒްނަސް ކޮންޓްރޯލް ފަދަ ދާއިރާތަކުން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ޕްރޮގްރާމް އަމާޒު ކުރެވިފައި ވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. މިގޮތުން އޭލެވެލް ނުވަތަ ބެޗްލަރސް ޑިގްރީ ފުރިހަމަކޮށް އަދި ވަޒީފާގެ ތަޖުރިބާއެއް ލިބިފައި ނެތް ކުދިންނަށް އިސްކަންދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"މި ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ހަމައެކަނި މާލޭގައި ތިބި ޒުވާނުންނަށްއެކަންޔެއް ނޫން. މާލޭގެ އިތުރުން އައްޑޫ ސިޓީ، ތިނަދޫ ސިޓީ އަދި ލ. އަތޮޅުގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމް ކުރިއަށް ދާނެ އެވެ. އެހެންކަމުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ހުރެގެން މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި އެ ޒުވާނުންނަށް ހިފޭނެ،" ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި 2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމްލަ 247 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކުރީގެ ގިނަ ދަސްވެނިންނަކީ ދިރާގާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެހެނިހެން ޖަމިއްޔާތަކުގައި ވެސް ކާމިޔާބު ކެރިއަރުތަކެއް ގާއިމުކުރަމުން އަންނަ ފަރާތްތަކެއް ކަމަށް ވެސް ދިރާގުން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ވެސް އެ ފަރާތްތަކުގެ ސޮފްޓް ސްކިލްސް ތަރައްގީކުރުމަށާއި ވަގުތު މެނޭޖުކުރުމަށާއި ޕްރޮޖެކްޓް ހިންގާނެގޮތް ފަދަ ވަޒީފާގެ މާހައުލުގައި ބޭނުންވާ މުހިންމު މައުލޫމާތާއި ބެހޭ ގޮތުން ދިރާގުގެ އެކި މުވައްޒަފުންގެ ފަރާތުން ތަމްރީނު ލިބިގެންދާނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ނޮވެންބަރުގެ ކުރިން ފޯމު ހުށަހެޅޭނެ އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގަރާމްގެ ޒަރިއްޔާއިން ދިރާގުން ދަނީ ޒުވާނުން ބާރުވެރިކުރުވާ، މުސްތަގްބަލުގެ ލީޑަރުން ބިނާކޮށް އަދި އެފަރާތްތަކުގެ ހުނަރު ތަރައްޤީ ކުރުމަށްޓަކައި ހަރުދަނާ ތަމްރީނުތަށް ގާބިލް މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުންނެވެ.