އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 409.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ 2019 ވަނަ އަަހަރާ އަޅާބަލާއިރު 35 ޕަސެންޓްގެ ކުރިއެރުމެކެވެ.

ތެލާއި ގޭސް، ކޮސްޓްރަކްޝަން ސާމާނާއި ބޭހުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކުންފުނިން މިއަދު އާއްމުކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ތެލުގެ ވިޔަފާރިން އެކަނި 4.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ތެލުގެ ވިޔަފާރި ނުހިމަނައި ތިން ބިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބިފައިވެ އެވެ. އެއާއެކު ޖުމްލަ 7.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބިފައިވެ އެވެ.

އެސްޓީއޯ އިން ވިޔަފާރިކުރުމަށް މިދިޔަ އަހަރު 5.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއާއެކު ޖުމްލަ ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސްއަށް 90.1 މިލިއަން ރުފިޔާ ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 500.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ މާލީ ހިސާބުތައް އާއްމުކުރުމަށް ފަހު އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެސްޓީއޯއިން އަބަދު ވެސް އެންމެ އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަަސާސީ ޚިދުމަަތްތައް، މެދުކެނޑުމެއްނެތި ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ޙާލަތުގައި ވެސް އެންމެ އިސްކަމެއް ދީފައިވަނީ ބޭހާއި ކާޑާއި، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށް ބުނެފައިވެ އެވެ.

"އޭގެ ނަތީޖާއެއްގެ ގޮތުން، އެސްޓީއޯއިން ވަނީ ކޯވިޑް-19 ގެ ސަބަބުން ސިއްހީ ދާއިރާއަށް ބޭނުންވި މެޑިކަލް ކޮންސިއުމަބަލްސްއާއި އިކުއިޕްމަންޓްގެ އިތުރުން ސަރުކާރުން ޓަރޝަރީ ފެންވަރަށް ގެންނަ، 4-ހޮސްޕިޓަލް ޕްރޮޖެކްޓަށް ބޭނުންވާ އިކުއިޕްމަންޓް ވެސް ފޯރުކޮށްދީފައި،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި 378 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރއާއި އަޅާބަލާއިރު 15 ޕަސެންޓްގެ ކުރިއެރުމެކެވެ.

"މި ކުންފުނީގެ ހިންގުމުގެ ޚަރަދު، 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ވަނީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް ހަތަރު އިންސައްތަ އިތުރުވެފަ އެވެ. މީގެ މައިގަނޑު ސަބަބަކީ، ކޯވިޑް-19 އަށް ރިޢާޔަތްކޮށްކޮށް ކަސްޓަމަރުންނަށް ދީފައިވާ ކްރެޑިޓް މުއްދަތު އިތުރުކުރުމާއި ޕްރޮވިޝަން ހިސާބު ކުރުމަަށް ބޭނުންކުރާ މިންގަނޑުތަކަށް ގެނެވުނު ބަދަލާއެކު ޕްރޮވިޝަންސް އިތުރުވުމެވެ،" އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ސާފު ފައިދާއަކީ 91 މިލިއަން ރުފިޔާ އެވެ. މިއީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރއާއި އަޅާބަލާއިރު 10 ޕަސެންޓްގެ ކުރިއެރުމެކެވެ.

"އެސްޓީއޯއަކީ ސަރުކާރުގެ އިތުރުން ޢާންމު ޙިއްޞާދާރުން ހިމެނޭ ކުންފުންޏަކަށްވާތީ އަދި ދިވެހިރާއްޖޭގެ އިގްތިސާދަށް ބޭނުންވާ، ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށްވާތީ، މި ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މި ދާއިރާތަކަށް އިންވެސްޓްކުރުމަށާއި ހިއްސާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށެވެ،" އެސްޓީއޯ އިން ބުންޏެވެ. "މި ފުރުސަތުގައި އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވަމެވެ."