މިދިޔަ މަހު މުދަލު ޒަކާތުގެގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 6.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު މުދަލު ޒަކާތުން ލިބިފައިވަނީ 3.2 މިލިއަން ރުފިޔާ އެވެ. އެގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި މިރާއަށް ޖުމްލަ 76،614،439 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މީގެ ތެރޭގައި 76،570،170 މިލިއަން ރުފިޔާ އަދި 2888 ޑޮލަރު ހިމެނެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި މިރާއަށް ލިބިފައިވަނީ ޖުމްލަ 76،743،636 މިލިއަން ރުފިޔާ އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މިނިސްޓްރީން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ ތެރޭގަ އެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 7151.90 ރުފިޔާ އެވެ.