މި އަހަރުގެ ތެރޭގައި ބިން ވިއްކައިގެން އާބަންކޯ އަށް ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީ ނުލިބޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ ޖަލްސާ އަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން އަމީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ބަޖެޓުން ދޭން ޖެހެނީ ބިން ވިއްކައިގެން ހޯދަން ލަފާ ކުރި އާމްދަނީ ނުލިބިގެން ކަމަށެވެ.

ބިން ވިއްކައިގެން ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ ނުލިބުމާއި ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމުންނާއި އާބަންކޯގެ ކޭޝްފްލޯ ހަމަޖެއްސުމަށް ދައުލަތުން އާބަންކޯ އަށް ކެޕިޓަލް ދޭން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކެޕިޓަލް ދޫކުރުމަށް ސަޕްލިމެންޓަރީ ބަޖެޓުގައި 611.7 މިލިއަން ރުފިޔާ ހިމަނާފައިވާނެ،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ކުންފުނިތަކުގެ ވޯކިން ކެޕިޓަލަށް ބޭނުންވާ ފައިސާ ދޫކުރުމަށް ބަޖެޓުން ޓްރެޝަރީ ލޯން ދޫކޮށްފައިވާނެ ކަމަށާއި އެގޮތުން އާރުޑީސީ އާއި ފެނަކައިގެ ޓްރެޝަރީ ލޯނަށް 291.3 މިލިއަން ރުފިޔާ ދޭން ކަނޑައަޅާފައިވާ ކަމަށެވެ.

އަމީރު ވިދާޅުވި ގޮތުގައި މިއަހަރު ތެޔޮ ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އަރައެވެ. ތެލުގެ ސަބްސިޑީ އެހާ ބޮޑުވީ ބޭރުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި 1.8 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. އޭގެ ތެރެއިން 1.1 ބިލިއަން ރުފިޔާއަކީ ލޯނުން ހިންގާ މަޝްރޫއުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ އިންތިހާބީ ރައީސްގެ އޮފީހުގެ އެދުމަށް އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ހަރަކާތްތަކަށް ސަޕްލިމެންޓްރީ ބަޖެޓުގައި 200 މިލިއަން ރުފިޔާ ހިމަނާފައި ވާނެ ކަމަށެވެ.