އަމީނީމަގުގެ ދެކުނުގައިވާ މަގުތަކާއި ގޯޅިތަކުގައިވާ ޕާކިންޒޯންތަކުން 292 ސްލޮޓް މަހުފީއެއް ނަގައިގެން ދާއިމަށް ދޫކުރަން ހުޅުވާލަން މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާން ފަހު ވަގުތު ބާތިލުކޮށް، އަލުން އިއުލާން ކުރަން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ، ކުރިން މިއަދު ކުރިއަށް ގެންދަން ހަމަޖެއްސި މަގުމަތީ ޕާކިން ޒޯން ދޫކުރުމުގެ މަސައްކަތް މެދުކަނޑާލީ، އެ ކައުންސިލުން ފާސްކޮށްފައިވާ ޕާކިން ޒޯން އުސޫލަށް ބަދަލު ގެންނަން މަސައްކަތްކުރާތީ ކަމަށެވެ.

އެ ކައުންސިލުން ބުނީ މިއަދު 1:00ގައި ޕާކިން ޒޯންތަކަށް އެދި ހުށަހެޅުމަށް ކުރި އިއުލާން ބާތިލް ކޮށް، މަގުތަކާއި ގޯޅިތަކުގެ ޕާކިން ޒޯންގައި ފީ ދައްކައިގެން ހަތަރު ފުރޮޅު ލީ އުޅަނދު ޕާކު ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހު މެންދުރު 1:00ން ފެށިގެން އަލުން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ދޫކުރަން ނިންމި ޕާކިން ސްލޮޓްތަކުން އާމްދަނީގެ ގޮތުގައި މަހަކު 438،000ރ. އެ ކައުންސިލަށް ލިބޭނެ އެވެ.

ސިޓީ ކައުންސިލުން ބުނީ މާލެއަށް ދިމާވެފައިވާ އެއްގަމު އުޅަނދުފަހަރު ޕާކްކުރުމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ހަތަރުފުރޮޅުލީ އުޅަނދުތަކުގެ ތެރެއިން ކާރާއި 350 ކިލޯއިން ފެށިގެން ދަށުގެ ޕިކަޕުތަކަށް މިފަހަރު އަމީނީމަގުގެ ދެކުނުގައިވާ ޕާކިންޒޯންތަކުން ވިއްކުމަށް ކަނޑައެޅިފައިވަނީ 292 ޖާގަ ކަމަށެވެ. އަދި 13 ގޯޅި އާއި މަގަކުން ދޫކުރުމަށް ހަމަޖެހިފައިވާ އެ ޖާގަތައް ދޫކުރުމަށް ނިންމާފައިފަނީ ތަބުރޭޒީ ހިނގުމާއި، ފަޅުމަތީމަގާއި، މާނިފާ ހިނގުމާއި، ދޮންއަދަރާދަ ހިނގުމާއި، ކޮއިމަލާ ހިނގުމާއި، ރެހެންދި ހިންގުމާއި، ރަށްދެބައި ހިނގުމާއި، އާމިނާރަނި ހިނގުމާއި، ވައިދެރި ހިނގުމާއި، މާފަތްކިލެގެފާނު ހިނގުމާއި، ހުދުފަޅު ހިނގުމާއި، ހިލާލީމަގާއި، އުޖާލާ ހިނގުމުންނެވެ. އަދި މިއިން ކޮންމެ ސްލޮޓެއްގެ އަގަކީ މަހަކު 1،500 ރުފިޔާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި ޕާކިންސްލޮޓް ދޫކުރުމަށް ހަަމަޖެހިފައިވަނީ ސިޓީ ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށެވެ. އަދި ޕާކިން ސްލޮޓް ގަނެވޭނީ ސްލޮޓް ވިއްކުމަށް ހުޅުވާލާ ފުރުސަތުގައި، ސްލޮޓްތައް ހުސްވަންދެނެވެ. އަދި އެ އުޅަނދަކަށް ހަމަޖެހޭ ޕާކިން ސްލޮޓްގައި ޕާކްކުރެވޭނީ ހަމައެނި އެ އުޅަނދެއް ކަމަށާއި އެހެން އުޅަނދެއް އެސްލޮޓްގައި ޕާކްކުރުމަކީ މަނާކަމެއް ކަމަށް މާލޭ ކައުންސިލުން ބުނެފައިވެ އެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި ބައެއް ސަރަހައްދުތަކުގައި ވަކިވަގުތަކަށް ޕާކްކުރުމަށް ބޭނުންވާ ފަރާތްތަކަށް "ޓައިމް ޕާކިންގް" ސްލޮޓްތަކެއް ދޫކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.